ރާއްޖޭގެ ޖުޑިޝަރީ ހިންގުމަށްޓަކައި، މީގެކުރިން ނުލިބޭވަރުގެ ބޮޑު އަދަދެއް އެ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުން ކަނޑައަޅުއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނާއެކު ގެންނަ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ 9 ވަނަ އެޕިސޯޑުގައި ރާއްޖޭގެ ޖުޑިޝަރީ މިނިވަން ކުރުމާއި ގުޅިގެން ދެއްކެވި ވާހަކަފުޚުގަ އެވެ،
މާލީ ގޮތުން ޖުޑިޝަރީ މިނިވަން ކުރުމަށް ދައުލަތުގެ އާމްދަނީން ކަނޑައަޅާ ވަކި މިންވަރެއް ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުގައި ހިމެނުމަށް ނިންމިކަން ރައީސް ވަނީ މިދިޔަ ހަފްތާގައި އާއްމުކުރައްވާފަ އެވެ.
މިގޮތަށް ނިންމެވި މައިގަނޑު އެއް ސަބަބަކީ ރައީސް ވިދާޅުވި ގޮތުގައި އެކަށިގެންވާ ބަޖެޓެއް ނެތި، ކުރަން ހުންނަ މުހިއްމު ހަރަދުތައް ނުކުރެވި އެ ދާއިރާއަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިއުމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރު ޖުޑީޝަރީ އަށް ފައިދާ ދޫކުރަނީ މިނިސްޓްރީތަކަށް ވެސް ދޫކުރާ ގޮތަށް ފިނޭންސް މިނިސްޓްރީން ނެވެ،
" އެހެން ކަންތައްތައްވީމާ، ޖުޑީޝަރީއަށް ވަރަށް ބޮޑު ނިކަމެތިކަމެއް މި ދެވެނީ. ކުރަން ހުންނަ މުހިންމު ޚަރަދުތައްވެސް ނުކުރެވި، ސަލާންޖަހަން ޖެހެނީ. އެކަމަކު މިއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދޭ" ރައީސް ވިދާޅުވި
ރައީސް ވިދާޅުވީ ބަޖެޓުން ވަކި މިންވަރެއް ޚާއްސަ ކުރުމުން، ޚަރަދުކުރުމުގެ ބާރާއި މިނިވަންކަން އެ ދާއިރާއަށް ލިބިގެންދާނެ އެވެ. އަދި މިހާތަނަށް އެ ދާއިރާއަށް ނުލިބޭވަރުގެ ބޮޑު އަދަދެއް އަންނަ އަހަރުގެ ބަޖެޓުން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅވި އެވެ.
" މިހާތަނަށް ދިން އަދަދަށް ބަލާއިރު އެންމެ ގިނަވެގެންވެސް 600 މިލިއަން ރުފިޔާއަށްވުރެ ބޮޑެއްނުވާނެ. މިދިޔަ އަހަރުވެސް ފައްސަތޭކަ ފަސްދޮޅަހަކަށް މިލިއަން ރުފިޔާ ދިނީ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހާތަނަށް ނުދޭވަރުގެ ބޮޑު އަދަދެއް ލިބޭވަރުގެ ސީލިންގއެއް ކަނޑައަޅާނަން" ރައީސް ވިދާޅުވި އެވެ.