މަޖިލީހަށް ހާޒިރުވާ މެމްބަރުން އަމަލުކުރާ އުސޫލު މުރާޖާކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް

މަޖިލީހަށް ހާޒިރުވާ މެމްބަރުން އަމަލުކުރާ އުސޫލު މުރާޖާކުރަނީ

SHARE

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ މެމްމބަރުން އަމަލުކުރާ އުސޫލު މުރާޖާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަންގަވައިފި އެވެ.

މިގޮތަށް އެންގެވީ ދައުރުން ބޭރުން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.

އިއްޔެ ފާސްކުރި މީޑިއާ ބިލުގެ ކޮމިޓީ މަރުހަލާކުރިއަށް ދިޔައިރު ކޮމިޓީ އަޑުއެހުމަށް ފުރުސަތު ދެވުނު ފަރާތްތަކުން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށާއި މަޖިލީހުގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް، އިޖްތިމާއީ އަޚުލާގީ މިންގަނޑުތަކާ ޚިލާފަށް އަމަލުކޮށްފައިވާތީ އެކަމާ ގުޅޭގޮތުން މަޖިލީހުގެ ސާޖެންޑް ޓެންސް އާމްސް ތައްޔާރުކޮށްފައިވާ ރިޕޯޓެއް މަޖިލީހުގެ ރިޔާސަތަށް ލިބިފައިވާ ކަމަށެވެ.

އެފަދަ ކަމެއް ތަކުރާރުނުވާނެ ކަން ކަށަވަރުކުރުމަށްޓަކައި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

" އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށާއި މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ގާޒިރުވާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައަޅައި އެ ކަންކަމަށް ހާޒިރުވާ ފަރާތްތަކުން ޚިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރުމަށް ދޭ އިރުޝާދެއް. " ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ބިލު ދިރާސާކުރި ބައްދަލުވުމެއްގައި މަޖިލީހުގެ ދެ މެމްބަރެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި، ކޮމިޓީގެ ސައުންޑް ސިސްޓަމްގެ ބައިތަކަށް ގެއްލުން ލިބިފައިވާތީ އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ސުލޫކީ ކޮމިޓީއަށް ފޮނުވުމަށް ވެސް ރިޔާސަތުން ވަނީ ނިންމަވާފަ އެވެ.