މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި އެވެ.
ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާއިން އެ ކުންފުނިތަކުގެ ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތީގަ އެވެ.
އެ އިދާރާ އިން ބުނީ، ނަން އާންމުކުރި ފަރާތްތަކަކީ ދެވަނަ ކުއާޓާއާ ހަމައަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި އެއް ލައްކަ އަށް ވުރެ އިތުރަށް ދައްކަން ޖެހޭ ފަރާތްތަކުގެ ނަންތައް ކަމަށެވެ. މީރާއިން ބުނީ އެ ލިސްޓު އާންމުކުރީ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދައްކަން ތަކުރާރުކޮށް ހަނދާންކޮށްދީ، ތަފަތު ނޯޓިސްތައް ފޮނުވައި، އިތުރު މުއްދަތުތައް ވެސް ދިނުމަށްފަހު ކަމަށެވެ.
މީރާއިން ބުނީ މީރާއިން ބުނީ އެ މުއްދަތުތަކުގެ ތެރޭގައި އެ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް ދިން ކަމަށެވެ. އެފަދަ އެއްބަސްވުމެއް ހަދައި، ފައިސާ ދައްކާނަމަ އެންފޯސްމަންޓުގެ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން ވެސް މީރާއިން ވަނީ ދީފަ އެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރޭގައި ރިސޯޓު ވިޔަފާރީގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކެއް ހިމެނެ އެވެ. މީގެ އިތުރަށް މީގެ ކުރިން ވެސް ޓެކްސް ނުދައްކައިގެން މީރާއިން ނަން ހާމަކުރާ ލިސްޓުތަކުގައި ހިމެނޭ ބައެއް ކުންފުނިތަކާއި މަޝްހޫރު ގެސްޓުހައުސް އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ ގެސްޓުޝޮޕު ފަދަ ތަންތަން މިފަހަރުގެ ލިސްޓުގައި ވެސް ހިމެނެ އެވެ.
މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ޓެކްސް ނުދައްކާ މައްސަލަތައް ފެންމަތިވެފައިވާއިރު، ބައެއް ފަރާތްތަކުން އެކަމުގެ ހުއްޖަތަކަށް ދެއްކީ ސަރުކާރުން ދައްކަން ޖެހޭ ފައިސާ އެ ކުންފުނިތަކަށް ދައްކާފައި ނެތުމެވެ. އަދި އޭގެ ސަބަބުން ފައިސާ ދައްކަން ދަތިވާކަން ކުންފުނިތަކުން ހާމަކޮށްފައިވެ އެވެ.
މީރާއިން ބުނީ ޓެކްސް ނުދެއްކި އޮތީ ދައުލަތުން ލިބެންޖެހޭ ފައިސާއެއް ނުލިބިގެން ކަމަށްވާނަމަ އެކަން ބަޔާންކޮށް، އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފައި ނުވާ ކަމަށެވެ.