ސަރުކާރުގެ ބޭސް ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަނުކޮށް، އެމްޑީއަކަށް ޝާހު ހަމަޖައްސައިފި

ޑރ. ޝާހު މާހިރު

ސަރުކާރުގެ ބޭސް ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަނުކޮށް، އެމްޑީއަކަށް ޝާހު ހަމަޖައްސައިފި

SHARE

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހު މާހިރު އައްޔަނުކޮށްފިއެވެ.

މި މަޤާމަށް ޝާޙު މާހިރު އައްޔަނުކުރީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ކުރީ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. ޝާހަކީ ލަންޑަންގެ އެކި ހޮސްޕިޓަލުތަކުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ކުންފުނީގެ ބޯޑަށް ވެސް މެމްބަރުން އައްޔަނުކޮށްފައވެ އެވެ. އެއީ، އާއިޝަތު މުޙައްމަދު އާއި، ޝިބާނާ އަބްދުﷲ ދީދީ އެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެކުރުމަށްޓަކައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ، މި މަހުގެ 9 ވަނަ ދުވަހު އެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.