މި ސަރުކާރުން ރިޔާސީ ދައުރު ދަންމައެއް ނުލާނެ: ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

މި ސަރުކާރުން ރިޔާސީ ދައުރު ދަންމައެއް ނުލާނެ: ފަލާހު

SHARE

މި ސަރުކާރުން ރިޔާސީ ދައުރު ޤާނޫނީ މުއްދަތަށްވުރެ އިތުރަށް ދިގުނުކުރާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ، ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ މި ވަގުތަށް އެހާ މުހިންމު ބިލެއް ނޫންކަމަށް އިދިކޮޅު މެންބަރުން ފާހަގަކުރައްވާފައިވެއެވެ. އަދި މި ބިލު ހުށަހެޅުމުގައި ސަރުކާރުގެ އަމިއްލަ މަސްލަހަތެއް އޮތްކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު އިތުރުކުރުމަށް ކުރަމުންދާ ކަމެއް ކަމަށް އެ މެމްބަރުން ތުުހުމަތުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މި ބިލަކީ އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށް މުހިންމު ބިލެއްކަމަށެވެ. އަދި ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، މި ބިލުގެ ސަބަބުން އެ ކަންކަން އިތުރަށް ތަފްސީލު ކުރެވިގެންދާކަމަށް ވިދާޅުވިއެވެ. މިއީ ޤާނޫނުއަސާސީއާއެކު އަންނަންޖެހޭ ބިލެއްކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ސަރުކާރުން ދައުރު އިތުރުކުރަން މަސައްކަތް ން ނުކުރާ ކަމަށާއި، ވޯޓަށް އެހުމަށް ގަސްދުކުރަނީ މިހާރު ހިނގަމުންދާ ރިޔާސީ ދައުރާއި މަޖިލީހުގެ މި ދައުރު ކުރުކޮށްލައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށްކަމަށެވެ.

"މި ބިލުގެ މަޤްޞަދު ވަރަށް ސާފު. މި ބިލަކުން ރިޔާސީ ދައުރެއް އިތުރުކުރުމަކަށް މަގުފަހިއެއް ނުވޭ. މި ސަރުކާރަކުން ރިޔާސީ ދައުރު އިތުރުނުކުރާނެ. އަޅުގަނޑުމެން އެކަމަކަށް ތާއީދެއް ނުކުރާނަން. ރައީސުލްޖުމްހޫރިއްޔާވެސް އެއްވެސް ވަރަކަށް އެކަމަކަށް ތާއީދެއް ނުކުރައްވާނެ،" ފަލާހު ވިދާޅުވިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ. މި ބިލުގައިވާ ގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމާނީ ރައްޔިތުންގެ މަޖިލީހުން ނެވެ.