ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ލުއި ލޯނުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ދެ ހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެމަނިކުފާނުގެ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށެވެ.
މި ލޯން ސްކީމް ގެ މަގްސަދަކީ ރައީސް ވިދާޅުވި ގޮތުގައި، ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ކަމަށެވެ.
"މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް 2 ހަފްތާ ތެރޭގައި ހުޅުވާލަން އަޅުގަނޑުވާނީ ދަންނަވާފައި" ރައީސް ވިދާޅުވި އެވެ.