ހިޔާލު ހޯދުމުގެ ވޯޓު ވަކި ސަރަހައްދުތަކުގައި ވެސް ނެގޭ ގޮތަށް ބިލު ފާސްކޮށްފި

PAjzuzkAwsjdegkSVXmBeLY6ktBXaIPyzYBUNZ9p

ހިޔާލު ހޯދުމުގެ ވޯޓު ވަކި ސަރަހައްދުތަކުގައި ވެސް ނެގޭ ގޮތަށް ބިލު ފާސްކޮށްފި

SHARE

ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި އެކަނި ވެސް އާއްމު ވޯޓެއް ނެގޭ ގޮތަށް 'ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު' ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އެ ބިލު ފާސްކުރީ 64 މެމްބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.

މި ބިލު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލަށް މުހިއްމު އިސްލާހުތަކެއް ގެނެސްފައިވެ އެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އިސްލާހަކީ އެ ބިލުގައި ހިމެނޭ ގައުމީ މުހިއްމު މައްސަލަތަކުގައި ނަގާ ވޯޓާ ބެހޭ މާއްދާ ނުވަތަ 4 ވަނަ މާއްދާގެ ދަށުން، ށ. ގެ ގޮތުގައި މާއްދާއެއް ހިމެނުމެވެ. އިތުރުކުރި މާއްދާގައި ބުނަނީ ރައީސަށް ފެނިއްޖެ ނަމަ، ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުން ހުރި ކަމެއްގައި ހިޔާލު ހޯދަން އެ ސަރަހައްދެއްގެ ރައްޔިތުންނަށް ޙާއްސަކޮށް އާއްމު ވޯޓެއް ނެގުމަށް އެންގެވޭނެ ކަމަށެވެ.

ބިލުގެ 19 ވަނަ މާއްދާ ބުނާގޮތުން ބުނާގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން  45 ދުވަސް، އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންވާނެ ކަމަށެވެ. އެހެންނަމަވެސް، ވަކި ސަރަހައްދަކަށް ޚާއްސަކޮށްގެން އާއްމު ވޯޓެއް ނެގުމަށް ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާއި ދެމެދު 45 ދުވަހަށް ވުރެ ކުރު މުއްދަތެއް ކަނޑައެޅުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް ށ. ގެ ގޮތުގައި ކޮމިޓީން ވަނީ މާއްދާއެއް އިތުރުކޮށްފަ އެވެ.

މީގެއިތުރުން އާއްމު ވޯޓުގެ ނަތީޖާ ކަނޑައަޅާނެ ގޮތް ވެސް ބިލުގައި ހިމެނުމަށް ކޮމިޓީން ފާސްކޮށްފައިވެ އެވެ. އެ އިސްލާހުގައި ބުނަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ކަމަށް ބަލާނީ އެ އިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ 50% އަށް ވުރެ ގިނަ ވޯޓު އެ ނިންމުމަށް ލިބިފައިވާނަމަ ކަމަށެވެ. އަދި އިލެކްޝަންސްއިން ބަޖެޓަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ވޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުން ލާޒިމުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އާއްމު ވޯޓެއް ނެގޭނީ، މި ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައާއި ގައުމީ މުހިއްމު މައްސަލަތަކުގެ އިތުރުން ޤާނޫނުއަސާސީގައި ރައްޔިތުންގެ އާއްމު ވޯޓަކަށް އަހަންޖެހޭ ހުރިހާ ހާލަތެއްގަ އެވެ. އޭގެތެރޭގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ ކޮންމެ ކަމެއް ހިމެނެ އެވެ. މަޖިލީހުގެ އުމުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާހާބުކުރާ ގޮތަށް ބަދަލު ގެންނަނަމަ، އެކަމަށް ވެސް އާއްމު ވޯޓެއް ނަގަންޖެހޭނެ އެވެ.

ހަމައެއާއެކު، ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އެކަން މަޖިލީހަށް އަންގާ ހަލަތުގައާއި ރާއްޖޭގެ ސަރަހައްދާ ގުޅޭ ކަންކަމުގައި ވެސް އާއްމު ވޯޓެއް ނަގަން ޖެހޭނެ އެވެ.

މި ބިލުގައި ބުނެފައިވަނީ ރައްޔިތުންގެ އާއްމު ވޯޓެއް ނެގުމަށް ކަނޑައެޅޭނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށެވެ. އާއްމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހާލަތުގައި ވެސް އެކަންކަން ގަރާރަކުން ކަނޑައެޅުއްވޭނެ ކަމަށް ވެސް ބިލުގައި ވެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި އާއްމު ވޯޓު ނެގުމާ ގުޅޭ ބިލެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ޕްރިފަރެންޝަން ވޯޓިން ނިޒާމަކަށް ވޯޓު ލާ ނިޒާމު ބަދަލުކުރުމަށް އާއްމު ވޯޓެއް މިއަހަރު ނެގުމަށް ވިސްނަވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ހާމަކުރައްވާފަ އެވެ. ވޯޓުލާ ނިޒާމު ބަދަލުކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެކީގައި ބާއްވާގޮތަށް ވެސް މިއަހަރު ނިމުމުގެކުރިން އިސްލާހު ހުށަހެޅުމަށް ގަސްދުކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ރިޔާސީ ދައުރު ފެށޭ ދުވަސް ކުރިން ވެސް އޮތް ގޮތަށް ނޮވެމްބަރު 11 އަށް ބަދަލުކުރުމަށާއި ޤާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު ލިޔުމަށް ނިންމާފައިވާކަން ވެސް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ހާމަކޮށްފަ އެވެ