އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާސްއަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް 488 ފަރާތަކުން ރެޖިސްޓާ ކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ބުނެފި އެވެ.
"އެތެރެފުށާ" ވާހަކަދައްކަވަމުން ބީސީސީގެ އެގްޒެކެޓިވް ބިއުރޯގެ އެޑްމިން އޮފިސަރު އަހުމަދު އަލާއު އިސްމާއީލް މިއަދު ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހު ކުރިއަށްދާ މި ސެމިނާ އޮންނާނީ އޮންލައިންކޮށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމަށް އޮތް ރަނުގެ ފުރުސަތެކެވެ.
މި ވޯކްޝޮޕްގައި މައުލޫމާތު ދޭނީ އަލީ ބާބާގެ އެކްސްޕާޓުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މި ސެޝަނުން އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ގޮތުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީން ގުޅިގެން ހިންގާ މި ވޯކްޝޮޕުގައި ބައވެރިވުމަށް ރެޖިސްޓްރީވާން ފުރުސަތު ހުޅުވާލުމުން، ފުރަތަމަ 24 ގަޑިއިރު ތެރޭގައި 155 އަށް ގިނަ ފަރާތުން ރެޖިސްޓްރީވި އެވެ. ބީސީސީން ބުނީ، މިކަމުން އަންގައިދެނީ ދިވެހި ވިޔަފާރިވެރން މިފަދަ ފުރުސަތަކަށް ބޭނުންވެފައި ތިބި މިންވަރު ކަމަށެވެ.
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، އެ ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައިދިނުމަކީ ރައިސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.