މަގުމަތިން ހުއްޓުވި މީހެއް އަތުން ގިނަ އަދަދެއްގެ ރުފިޔާއާއި ސިގިރޭޓު އަތުލައިގަނެފި

މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު

މަގުމަތިން ހުއްޓުވި މީހެއް އަތުން ގިނަ އަދަދެއްގެ ރުފިޔާއާއި ސިގިރޭޓު އަތުލައިގަނެފި

SHARE

ހުޅުމާލޭ މަގުމަތިން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ގަވާއިދާ ޚިލާފަށް ސިގިރޭޓު ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ތަކެތި އަތުލައިގަނެ އެ މީހާ އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެ މީހާ ހުއްޓުވީ، ފޭސް 1 ގެ ކަންނެލި ޖެޓީ ސަރަހައްދު ކައިރިން ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ކަމަށެވެ.

އެގޮތުން އެ މީހާއާޢި އެމީހާ ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު، ގިނަ އަަދަދެއްގެ ސިގިރޭޓު ފޮއްޓާއި ދުންފަތާއި، ސިގިރޭޓު ފިލްޓަރާއި ރިޒްލާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި 53،000 ރުފިޔާއާއި ސިގިރޭޓު އަނބުރަން ބޭނުންކުރާ ފޮށި ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.

"އެހެންކަމުން ގަވާއިދާ ޚިލާފަށް ސިގިރޭޓު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ."މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ ސައްދާމް ހޮސެއިނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ނެވެ.