ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50% އިިތުރުކުރަނީ

ފަތްކެޔޮ (ފޮޓޯ/އާ ފަތިސް)

ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50% އިިތުރުކުރަނީ

SHARE

ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް  ހުޅުވާާލާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށެވެ. މިއީ ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިނިސްޓްރީން ވަނީ މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޑަބްލިއުޑީސީތަކުން މި މަހުގެ 25 ވާ ބުރާްސްފަތި ދުވަހުގެ 14:00 ގެ ކުރިން ޕްލޭނެއް ހިއްސާކުރަން އެދިފަ އެވެ. އެ ޕްލޭނުގައި ހިމަނަންޖެހޭ ކަންކަމުގެ ތެރޭގައި:

  1. މަސައްކަތުގެ ތާވަލު
  2. 500 ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަަޙައްދުގެ ތަފްޞީލު: (ސަރަޙައްދުގެ ބޮޑުމިން، ސަރަޙައްދު ފާހަގަކޮށްފައިވާ ޗާޓު)
  3. ފަތްކެޔޮ ދަނޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޕްލޭނެއް

ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުބިންތަކުން ފަތްކޭލަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗަރ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ލުއި އަގެއްގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު ފަތްކެޔޮ ހައްދަން ޝަޢުޤުވެރިވާ ދަނޑުވެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް ވެލިޔު އެޑް ކުރެވޭނެ ގޮތްތައް ތަޢާރަފްކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ، އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެކެވެ.