ފަލަސްޠީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދ. ގެ ޖެނެރަލް އެސެމްބްލީން އެކުލަވާލާފައިވާ ނިއުޔޯކް ޑެކްލެރޭޝަން ބަލައިގަތުމާއި، މިނިވަން ދެ ދަޢުލަތެއް ގާއިމުކުރުމަށް ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރައްވައި ރައީސް، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ ކަންކަމަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ގުޅިގެން ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކުުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި، އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަކީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާ ކަމެއްކަަން އެމަނިިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖެއިން އަބަދުވެސް ދަނީ މިނިވަން ދެ ދަޢުލަތެއް ގާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކޮށް، ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، އަޑުއުފުލަމުންނެވެ.