ދޮންފަނު ފަޅުގައި ޑައިވްކުރުރުން މަނާކުރީ ގާނޫނާ ޚިލާފަށް

424711_3_66ab9fa038389fff7a940f5ca5d1ffb042b74e6a_large

ދޮންފަނު ފަޅުގައި ޑައިވްކުރުރުން މަނާކުރީ ގާނޫނާ ޚިލާފަށް

SHARE

ބ. ދޮންފަނު ކައުންސިލުން އިއްޔެ އެ ރަށު ފަރަށް ޑައިވްކުރުން މަނާކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ ބަޔާން ބާތިލް ކުރަން ކައުންސިލްތަކުގެ ބެލެނެވެރި ފަރާތްކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގަގައިފި އެވެ.

ދޮންފަނު ކައުންސިލުން އިއްޔެ ވަނީ އެ ރަށު ރައްޔިތުން ކަނޑުމަތީގައި މުޒާހަރާކުރަން ތައްޔާރުވަމުންދާތީ އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން ވަގުތީގޮތުން މަނާކޮށްފަ އެވެ.

އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކައުންސިލްގެ އިހުތިސާސް ބޭނުން ކުރުމާ ގުޅޭ ގޮތުން، ލާމަރުކަޒީ ގާނޫނުގެ 3-56 މާއްދާގެ (ހ) ގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އެ މާއްދާ އަށް ރިއާޔަތްކޮށް، އެލްޖީއޭ އިން ބުނިގޮތުގައި، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން އެ ރަށު ކައުންސިލުން ނިންމި ނިންމުން ގާނޫނާ ހިލާފެވެ.

ދޮންފަނުގައި ކުރަމުން އަންނަ މުޒާހަރާ އަކީ އެރަށުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު އެ ނިންމުން ބަދަލުކޮށް، ބިން ނުހިއްކާ ގޮތަށް ސަރުކާރުން ކަނޑައެޅުމުން ރައްޔިތުން ކުރަން ފެށި މުޒާހަރާ އެކެވެ. އެކަމަކު އެ ރަށުގެ ބިން ނުހިއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ. އަދި އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ފެށި އެވެ.

އެކަމަކު އެ ނިންމުމާއި އެކު ދޮންފަނުގެ ބައެއް ރައްޔިތުން އަނެއްކާ ވަނީ ބިން ހިއްކައިދޭން އެދި މުޒާހަރާ ކުރަން ފަށާފަ އެވެ. ކައުންސިލުން ފީނުން މަނާކުރީ ވެސް ހިއްކަން އުޅުނު ސަރަހައްދުގައި ކަނޑުމަތީ މުޒާހަރާއެއް ކުރުމަށް ކަމަށް ބުނެ އެވެ.