ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕުގައި ވެސް ރައީސް މިކަމާ މަޝްވަރާކުރައްވާފައިވާއިރު، މިރޭ އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރަށް އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ދާދި ފަހުން، ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދައުލަތުން ކުރާ ޚަރަދުތައް އާންމުކުރުމާއި އެކު އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ބޮޑުވެފައިވާއިރު، ރައީސް އެ އިނާޔަތް ކުޑަކުރުމަށް ނިންމަވާ އެކަން އިއުލާންކުރެއްވި ނަމަވެސް، މަޖިލީހަށް މި އިސްލާހުތައް ހުށަހަޅުއްވާނެ ވަކި އިރެއް އާންމެއް ނުކުރައްވަ އެވެ.