ބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލްކުރުމުގެ ޕްރޮޖެކްޓެއް ފަށަނީ

https___www.bankofmaldives.com.mv_storage_article_812_9892_1757486407.17574864079646

ބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލްކުރުމުގެ ޕްރޮޖެކްޓެއް ފަށަނީ

SHARE

ބޭންކް އޮފް މޯލްޑިވްސްގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއެކު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި ރިސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރުންކަމަށެވެ.

މި އެސްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމްކުރާނެއެވެ. އަދި  އެތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިންގ ފެސިލިޓީތަކަށް އެކްސްޕޯޓްކުރާނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، ބީއެމްއެލްއިން ދަނީ، ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަޤްބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން ދައްކައިދެމުންކަމަށެވެ.

މޯޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވީ، މި އައު ފެސިލިޓީ ގާއިމުކުރުމުން، ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކޮށްލެވޭނެކަމަށެވެ. މި އެހީތެރިކަމުގެ ސަބަބުން ކުނި މެނޭޖް ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައި، ދެމެހެއްޓެނެވި ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނެކަމަށް އޭނަ ވިދާޅުވިއެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުން، މި ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެއެވެ.

މި ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއަރ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސްއިން ޖަރުމަނުވިލާތަށާއި، ތައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށްވެސް ބީ.އެމް.އެލްއިން ވަނީ އެހީތެރިވެފައެވެ.