ނޭޕާލް އާންމު ހާލަތައް ރުޖޫއަވަންދެން އެ ގައުމަށް ދަތުރުނުކުރުމަށް އެދިއްޖެ

Screenshot 2025-09-09 at 19.11.17

ނޭޕާލް އާންމު ހާލަތައް ރުޖޫއަވަންދެން އެ ގައުމަށް ދަތުރުނުކުރުމަށް އެދިއްޖެ

SHARE

ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ ގައުމުގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމާއި އެކު ޒުވާނުން ނިކުމެ މުޒާހަރާކޮށް، ކަތަމަންޑޫގެ އެކި ހިސާބުތަކުގައި ހުޅުޖަހަން ވަނީ ފަށާފަ އެވެ. އެގޮތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެ އަލިފާން ރޯކޮށް، ސިޔާސީ ޕާޓީތައް ހިންގާ އޮފީސްތަކަށް ހަމަލާދީ، އަދި ގިނަ އަދަދެއްގެ ސިޔާސީ މީހުންގެ ގެތަކަށް އަމާޒުކޮށް ހަމަލާދީފައިވެ އެވެ. މުޒާހަރާ ހޫނުވެ، ހަލަބޮލިވުމުގެ ސަބަބުން ކަތަމަންޑޫގެ ޓްރިބުވަން އިންޓަރނޭޝަނަލް އެއަރޕޯޓް ވެސް ވަނީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ. މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކަރފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރުކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން، ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި ހަމައެއާއެކު، ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާފައިވެ އެވެ.

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގައި ތިބި ދިވެހިރައްޔިތުންގެ ކަންކަން ވަރަށް ގާތުން މިނިސްޓްރީން ބަލަމުން ގެންދާ ކަމަށާއި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.