މި ސަރުކާރުން ވެރިކަންކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ރައްޔިތުން ނޭދޭ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކުރައްވާ ކޮންމެ ކަމަކީ ވެސް އެރަށެއްގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކުރައްވާ ކަންކަން ކަމަށެވެ. އަދި ރައްޔިތުން ނޭދޭ ނަމަ އެކަމެއް ނުކުރައްވާނެކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވާފަ އެވެ،
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރާތް ކުރައްވާ ރައްޔިތުންނާ ކައުންސިލްތަކާ ވެސް ބައްދަލުކުރައްވާފަ އެވެ. ވެރިކަމުގެ އެންމެ ކުރީކޮޅު އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުތަކުގައި މުޅި ރާއްޖޭގެ ހާލަތު ބައްލަވާ، ރައްޔިތުން އެދުނު ކަންކަން ލިސްޓުކުރައްވައި މަޝްރޫއުތައް ވެސް އެކި ކުންފުނިތަކާ ހަވާލުކުރައްވާފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދައުރު ނިމުމުގެ ކުރިން މަޝްރޫއުތައް ނިންމަވާ އިފްތިތާހުކުރައްވާނެ އެވެ. އަދި ރަށްތަކަށް ދެން ވަޑައިގަންނަވާނީ މަސައްކަތްތައް ނިންމަވައި އިފްތިތާހުކުރުމަށްކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވާފައިވެ އެވެ.