ގއ. ކޫއްޑޫގައި ހިންގަމުން އަންނަ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ގއ. ކޫއްޑޫ އެއާޕޯޓްގެ ރަންވޭ ބާވެ ހަލާކުވެފައިވާތީ އެތަނަަށް މޯލްޑިވިއަންގެ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. މޯލްޑިވިއަން ބުނިގޮތުގައި އެ އެއާލައިންގެ ދަތުރުތައް ކޫއްޑޫ އަށް ހުއްޓާލީ ދިގު މުއްދަތެއްގައި އެއާޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވުމާ ގުޅިގެންނެވެ.
މޯލްޑިވިއަން އިން ދަތުރުތައް ހުއްޓާލުމާއި އެކު ޓްރާންސްޕޯޓް މިނިސްޓަރ މުހަންމަދު އަމީން ވަނީ މިނިސްޓްރީގެ އިސްނެގުމުގެ މަތިން އެތަން ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާންކުރައްވާފަ އެވެ. މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓްރީގެ އިސް ނެގުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެއާޕޯޓް އޮޕަރޭޓާ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ވަނީ އެތަން މަރާމާތުކުރެވުނު އެންމެ އަވަހަކަށް ދަތުރުތައް އަލުން ފަށާނެ ކަމަށް ބުނެފަ އެވެ.