ދޮންފަނުގައި ބިން ނުހިއްކިޔަސް ގޮނޑުދޮށް ހިމާޔަތްކޮށް ބަނދަރު ހަދާނެ

dhonfanu

ދޮންފަނުގައި ބިން ނުހިއްކިޔަސް ގޮނޑުދޮށް ހިމާޔަތްކޮށް ބަނދަރު ހަދާނެ

SHARE

ބ. ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިޔަ ނަމަވެސް، އެ ރަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މީގެ ތިން ހަފްތާ ކުރިން އެއްބަސްވުމުގައި ސޮއިކުރެވުނު ބިން ހިއްކުމުގެ މަޝްރޫއު އެ ރަށުގައި ކުރިއަށް ނުގެންދަވާނެ ކަން ހާމަކުރައްވާ ރައިސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެގޮތަށް ނިންމެވީ މަޝްރޫއު ހިންގަން ރައްޔިތުން ބޭނުން ނުވާކަން އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެން ނެވުމުން ކަމަށެވެ. ރައީސްގެ މި ނިންމެވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވި ބިން ހިއްކުމުގެ މަސައްކަތް ނުކުރި ނަމަވެސް އެއްބަސްވުމުގައި ހިމަނާފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 13 ގަ އެވެ. ގާތްގަނޑަކަށް 215 މިލިއަން ރުފިޔާ އަށް ހިންގަން ހަވާލުކުރެވުނު މަޝްރޫއުގެ ދަށުން އޮތީ 13.59 ހެކްޓަރުގެ ބިން ހިއްކަން ރާވާފަ އެވެ. ބިން ހިއްކުމުގެ އިތުރަށް ދެން އެއްބަސްވުމުގައި އޮތީ 73 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 1276 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 314 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، ދެ މީޓަރު ދިގު 24 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރުމަށެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ނިންމެވިއިރު، މިކަމުގެ ސަބަބުން ބ. އަތޮޅުގެ ބަޔޯސްފިޔާ ރިޒާވުގެ ދިރުންތަކާއި ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ، މަޝްރޫއު ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި ވެސް ދަނީ ސޮއިކުރަމުން ނެވެ. ރައީސް ވިދާޅުވީ، ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދުވެވަޑައިގަންވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެދޭ ކަންކަން ފުއްދެވުމަށް ކަމަށާއި ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށެވެ.