ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން މުޅިން އަލަށް 'ދަ އިވެންޓްސް ކަލަންޑަރ' ތައާރަފްކޮށްފި އެވެ.
ވިޒިޓް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކަލަންޑަރަކީ މުޅި ރާއްޖޭގައި ކުރިއަށްދާ ހުރިހާ އިވެންޓްތަކެއް އެއް ޕްލެޓްފޯމަކުން ދައްކުވައިދޭނެ ޕްލެޓްފޯމެއް ކަމަށެވެ. މި ކަލަންޑަރު ވެގެންދާނީ އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި، ރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި ފެސްޓިވަލްތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތަކުން ފެށިގެންް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، މައުރަޒުތަކުގެ މަޢުލޫމާތު ހޯދުމުގެ މައި ހަބަކަށެވެ. އަދި މި އިވެންޓް ކަލަންޑަރުގެ ސަބަބުން ސްޓޭކްހޯލްޑަރުންނަށް އެމީހުންގެ އިވެންޓްތައް ކުރިއާލާ ޕްރޮމޯޓްކޮށް، ލޯކަލް އަދި އިންޓަނޭޝަނަލް ލެވަލެއްގައި ފުޅާ ދާއިރާއެއްގައި ވާސިލްވުމުގެ އަގުހުރި ފުރުސަތު ލިބިގެންދާނެ ކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ، ދިވެހި ރާއްޖޭގެ ހާއްސަ ސިފަތަކާއި ފަތުރުވެރިން ގަޔާވާނެ ފަދަ ފަރުމާތަކާއެކު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނާއި، ރިސޯޓުތަކުންނާއި އަދި ރަށްރަށުން އަހަރު ތެރޭގައި ރާވާފައިވާ ހަރަކާތްތައް އެ ކަލަންޑަރުން ފެންނާނެ ކަމަށެވެ. އެގޮތުން، ސަގާފީ ހަރަކާތްތަކުން ފެށިގެން، ކުޅިވަރު މުބާރާތްތަކާއި، ވެލްނަސް ރިޓްރީޓްތަކާއި އަދި ކެއްކުމާއި ކާބޯތަކެތީގެ ޝޯ ކޭސްތައް ވެސް ހިމެނިފައިވާ ކަމަށެވެ.
އަލަށް ތައާރަފުކުރެވުނު މި ހިދުމަތަކީ ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި، އެކްސްޕީރިއެންޝަލް އަދި އެޑްވެންޗާ ފަތުރުވެރިކަން ކުރިއެރުވުމަށް ދެވޭ އިތުރު ހަރުފަތެކެވެ. ކަލަންޑަރުގައި ރާއްޖެއަށް ޒިޔާރަތްކުރާ މަޝްހޫރު ޝެފުންގެ ރެސިޑެންސީތަކާއި، ރާޅާއެޅުމުގެ ފެސްޓިވަލްތަކާއި، ފުޓުބޯޅަ ކުލިނިކުތަކުގެ އިތުރުން، ވެލްނަސް ރިޓްރީޓްތަކާއި ތަފާތު އެކި ރެކޯޑް މުގުރާލުމަށް ހިންގޭ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ވިޒިޓް މޯލްޑިވްސް އިން ވަނީ ކަލަންޑަރު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް، އެ ކުންފުނީގެ މެމްބަރުންނާއި، ރިސޯޓްތަކާޢއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަދު އޮޕަރޭޓްކުރާ ފަރާތްތަކާއި ރަށު ކައުންސިލްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނަށް ދައުވަތު ދީފަ އެވެ.