ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ރޯހައުސް އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނުގައި ވަނީ، ތިނަދޫގެ ރައްޔިތުންގެ ތެރެއިން ރޯހައުސް އަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެ އިއުލާނުގައި ބުނެފައިވާގޮތުން، ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
2022 ވަނަ އަހަރު ތިނަދޫގައި ފެށި މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވަނީ 700 އަކަފޫޓުގެ ޖާގައިގެ ތިން ކޮޓަރީގެ ރޯ ހައުސްތަކެކެވެ. އާބާދީގައި 12000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫގެ ރޯހައުްސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރުގެ ކުރީކޮޅު ވެސް އެ ސިޓީގެ ކައުންސިލުން ހުޅުވާލި އެވެ. އެހެންނަމަވެސް އެ އިއުލާނު ބާތިލުކޮށް ރޯ ހައުސް ދޫކުރުމުގެ މަަސައްކަތާއި މިނިސްޓްރީން ހަވާލުވީ އެވެ. އެ އިއުލާނު ބާތިލުކުރީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ އެވެ.