ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް އޮންނަ އުސޫލުގެ ދަށުން މިދިޔަ އަހަރު ހުވާކުރި އައު މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން އެ މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން 88 މެމްބަރުންނެވެ. މި ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
މަޖިލީހުގެ ސައިޓް ދައްކާ ގޮތުން މާލީ ބަޔާން ނެތް ފަސް މެންބަރުންނަކީ:
-
މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
-
މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
-
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
-
ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
-
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަހަރުގަ އެވެ.
20 ވަނަ މަޖިލީހުގެ މެމްބަރުންގެ ފުރަތަމަ މާލީ ބަޔާން އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑެތި ލޯނުތަކާއި ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކަން ޖެހޭ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އަދި އެކައުންޓުގައި އެއްވެސް މިންވަރަކަށް ފައިސާ ނެތް މެމްބަރުންނާއި މިލކިއްޔާތުގައި މުދާ ނެތް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.