އއ. ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަންހެނަކާއި ބިދޭސީއަކު ހިމެނޭހެން 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މީހުން އަތުލައިގެންފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި ހިނގާ މަހުގެ 17 ވަނަ ދުވަހު ރަސްދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގެ ތެރެއިން އެ ރަށުގެ 10 ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެއްޗާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫއަށް ނިސްބަތްވާ 6 މީހަކާއި، އއ. ތޮއްޑޫ މީހަކާއި، ހދ. ކުމުންދޫ މީހެއްގެ އިތުރުން ބަންގްލަދޭޝް ރައްޔިތެކެވެ. އެގޮތުން ހައްޔަރުކުރި މީހުންނަކީ:
- މުހައްމަދު އުލްވާން ރަޝީދު (21އ) – ލިލީމީޑް / އއ. ރަސްދޫ
- އަހުމަދު ޢަރީފު (37އ) – ގުލްދަސްތާގެ / އއ. ރަސްދޫ
- އިބްރާހީމް ދިނާން (30އ) – ހަވާމަންޒިލް / އއ. ރަސްދޫ
- އަހުމަދު އިކުލީލް (37އ) – ފެހިވިނަ / އއ. ރަސްދޫ
- އަހުމަދު މުޙައްމަދު (44އ) – ކާރނޭޝަންމާގެ / އއ. ރަސްދޫ
- ޢަލީ ވަސީމް (44އ) – ކާރނޭޝަންމާގެ / އއ. ރަސްދޫ
- ރިމާޒު މުޙައްމަދު (29އ) – ހިކިފިނިފެންމާގެ / އއ. ތޮއްޑޫ
- ލީނާ މޫސާ (23އ) – ވިދުވަރުގެ / ހދ. ކުމުންދޫ
- މެހެދީ ހަސަން (27އ) – ބަންގްލަދޭޝް
މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެކި މުއްދަތުތަކަށް އެމީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އެގޮތުން އިބްރާހީމް ދިނާން، ރިމާޒު މުހައްމަދު، ޢަލީ ވަސީމް އަދި މެހެދީ ހަސަންގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އަހުމަދު އިކުލީލް ބަންދުކުރަން ނިންމީ 7 ދުވަހަށެވެ. އަދި މުހައްމަދު އުލްވާން ރަޝީދު، އަހުމަދު އަރީފު، އަހުމަދު މުހައްމަދު 5 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ހައްޔަރުކުރި ހަމައެކަނި އަންހެން މީހާ ކަމަށްވާ ލީނާ މޫސާގެ ބަންދަށް ދީފައިވަނީ 3 ދުވަހެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.