މި އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތައް، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށާއި އެންމެ ގިނައިން ރިޕޯޓްކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށްތައް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސައިބަރ ސެކިއުރިޓީ އެވެއާނަސް މަހުގެ ގޮތުގައި ފާހަގަކުރާ އޮކްޓޫބަރު މަހާ ގުޅިގެން ސީޕީ ދެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން އިންޓަރނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާއިރު، ސައިބަރ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، ރިޕޯޓްކުރެވުނު މައްސަލަތަކުގެ 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަކަރާއި ހީލަތް ހަދަމުންދާކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
"އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖުތަކާއި، އަޑާއި، ވީޑިއޯ އުފައްދައި، ރައްޔިތުން މަޅީގައި ޖެއްސުމަށް ނުރައްކާތެރި އުކުޅުތައް ކުށްވެރިން ދަނީ ބޭނުންކުރަމުން،" ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ މިފަދަ ކަންކަމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މާލީ އަދި ޒާތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި، މިއީ މުއައްސަސާތަކުގެ އިތުބާރާއި ގައުމުގެ އިގްތިސާދާއި އަދި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ނުރައްކަލެއް ކަމަށެވެ.
ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، މިފަދަ ހާދިސާތައް ހިނގުމުގެ މައިގަނޑު ސަބަބަކީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަކޮށްލެވޭ ކުޑަކުޑަ ކަމެއްގެ ސަބަބުން ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. އެގޮތުން ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ ސިއްރު ކޯޑުތައް ހިއްސާކުރުމާއި، ކާކުކަން ނޭނގޭ ފަރާތްތަކަށް އޮންލައިންކޮށް އިތުބާރުކުރުމަކީ މިފަދަ ކަންކަން މެދުވެރިވާ މައިގަނޑު ސަބަބުތައް ކަމުގައި ވިދާޅުވިއެވެ.
ސައިބަރ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވައި ސީޕީ ވިދާޅުވީ، ސައިބަރ ވެށީގެ ރައްކާތެރިކަމަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިއީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް އަދި ކޮންމެ މުއައްސަސާއެއްގެވެސް ހިއްސާއާއި ޒިންމާ އެކުލެވިގެން މެނުވީ ހާސިލު ނުކުރެވޭނެ ކަމެއް،" ސީޕީގެ މެސެޖުގައި ވިދާޅުވިއެވެ.
އެހެންކަމުން، އަމިއްލަ އެކައުންޓުތަކުގައި ވަރުގަދަ ޕާސްވޯޑާއި 'ޓޫ-ފެކްޓަރ އޮތެންޓިކޭޝަން' ބޭނުންކުރުމަށާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް ޑިޖިޓަލް ޑޭޓާގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދިނުމަށާއި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް އާންމުންގެ ޒާތީ މައުލޫމާތު އެއްނުކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މި އޮކްޓޫބަރު މަހުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ފުލުހުން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވަމުން، އާއިލާގެ ތެރޭގައި މިފަދަ ވާހަކަތައް ދައްކައި، ދަރިންނާއި ދުވަސްވީ މީހުންނަށް އޮންލައިން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެންމެންގެ އިޖުތިމާއީ ޒިންމާއެއް ކަމުގައި ސީޕީ ވަނީ ވިދާޅުވެފައެވެ.