ދިވެހިރާއްޖޭގެ އަޑާއި، ދިވެހިރާއްޖޭގެ އަޑުގެ އަހުލުވެރިންނާއި އެކު ޒަމާނުއްސުރެ އޮތް ރިވެތި އާދަކާދަތައް ދިރުވައި، އިޙްތިރާމް އަދާކުރުމުގެ ރިވެތި ސިފަ މުޖުތަމަޢުގައި އަށަގެންނެވުމަށް ސަރުކާރުން ފައްޓަވާފައިވާ ޤައުމީ މަޝްރޫޢަށް ހޮވިފައިވާ 10 ލޯގޯއަށް އާންމުންގެ މެދުގައި ވޯޓުލުމުގެ ފުރުސަތު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ދިވެހީންގެ މެދުގައި އޮތް ރިވެތި އަޚްލާޤާއި ސުލޫކު އަލުން އާލާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު ޕްރޮގްރާމެކެވެ.
މި މަޝްރޫއުގެ ރަސްމީ ލޯގޯ ފަރުމާކުރުމަށް އުމުރުން 16 އަހަރުން މަތީގެ ދިވެހިންނަށާއި، ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމިއްޔާތަކަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ލޯގޯ ހުށަހަޅާފައެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ 10 ލޯގޯ މިހާރު ފާހަގަކޮށްފައިވާއިރު، މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ގަދަ 10 ލޯގޯގެ ތެރެއިން އެންމެ މަޤްބޫލު ލޯގޯއެއް ހޮވުމަށްޓަކައި ވޯޓުލުން ކުރިއަށްދާނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ޕީއެސްއެމް އެއަރ" އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ފުރުސަތު އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމައަށް އޮންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެހެންކަމުން، މި ޤައުމީ މަސައްކަތުގައި ޢާންމު ރައްޔިތުން ވީހާވެސް ގިނައިން ބައިވެރިވެ، އެންމެ ފުރިހަމަ ކަމަށް ފެންނަ ލޯގޯއަކަށް ވޯޓު ދެއްވުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.