MTCC

ގިނަ އަދަދެއްގެ ބަނގުރަލާއެކު އަތުލައިގަތް ބިދޭސީން ބަންދަށް

3_Suspects_94e838b446

ގިނަ އަދަދެއްގެ ބަނގުރަލާއެކު އަތުލައިގަތް ބިދޭސީން ބަންދަށް

SHARE

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ވިއުގައެއް ހުއްޓުވުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން މީހު ބަންދުގައި ބޭއްތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މައްސަލައިގައި ޝާމިލުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 34 އަހަރުގެ އަލް އަމީން އާއި، 43 އަހަރުގެ ޕޮލިންގެ އިތުރުން 25 އަހަރުގެ އެމްޑީ ރަކިބް ހޮސެން ކިޔާ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އަލް އަމީން އަދި ޕޮލިންގެ ބަންދަށް 5 ދުވަސް ޖަހައިދީފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އެމްޑީ ރަކިބް ހޮސެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހ. މާދޫގޭގެ ދެ ފަންގިފިލާއެއް ބަލައި ފާސްކުރިއިރު، އެ ތަނުން ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ. މިއީ ވެރިރަށް މާލޭގެ އެކި ސަރަޙައްދުތަކަށް މި ތަކެތި ސަޕްލައިކުރުމަށްޓަކައި ގުދަންކޮށްފައި ހުރި ބަނގުރާ ކަމަށް ބެލެވެއެވެ.

ފުލުހުން އާންމުކޮށްފައިވާ އެ އޮޕަރޭޝަންގެ ވީޑިއޯއިން ފެންނަ ގޮތުގައި، މި ތަކެތި ރައްކާކޮށްފައި ހުރި އެޕާޓްމަންޓަކީ ސްމާޓް ލޮކް ބޭނުންކޮށްގެން ވަދެނިކުމެ އުޅޭ ގޮތަށް ވަރުގަދަ ސެކިއުރިޓީއަކާއެކު ބަލަހައްޓަމުން ދިޔަ ތަނެކެވެ. އެ ތަނުގެ އެތެރޭގައި ލަކުޑި ރެކުތަކެއް ހަދައި، އެ ރެކުތަކުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ވަނީ ރީއްޗަށް އަތުރާލާފައެވެ. މީގެ އިތުރުން، ބަނގުރާ ކޭސްތައް ގުދަންކޮށްފައި ވަނީ އޮފީހެއްގެ ސިފަޔަށް ތައްޔާރުކޮށްފައިވާ ޖާގައެއްގައެވެ. އަދި އެތަނުން ޕްރިންޓަރާއި އިދާރީ މަސައްކަތްތަކަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާތީ، މިއީ ވަރަށް ރޭވުންތެރިކަމާއެކު ވިޔަފާރީގެ އުސޫލުން ހިންގަމުންދިޔަ ނެޓްވޯކެއް ކަމަށް ވަނީ ލަފާކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންނެވެ.