ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި ރީކޯ މޫސާ މަނިކު، 25 އަހަރު ފަހުން ލީޑް ރޯލަކުން ފެނިގެންދާ ފިލްމު "ކީއްވެ" ގެ އޮންލައިން ޓިކެޓް ބުކިން އަށް ހުޅުވާލައިފި އެވެ.
މި ފިލްމުގެ ޕްރިމިއާ ނައިޓް ޓިކެޓް ވިއްކަން ފަށާފައި ވާއިރު، ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ އުންމީދު ކުރެވިފަ އެވެ.
"ކީއްވެ" ފިލްމުގެ ޕްރިމިއާ ނައިޓް ޓިކެޓެއްގެ އަގަކީ 400 ރުފިޔާ އެވެ. ޕްރިމިއާ ނައިޓްގެ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް 4,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ އެވެ. މި ގުރުއަތު ނެގުން އޮންނާނީ ޕްރިމިއާ ނައިޓް ކަމަށްވާ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. 7458800 އަށް ވައިބާ ކޮށްލައިގެން ވެސް ފިލްމުގެ އޮންލައިން ޓިކެޓް ބުކް ކޮށްލެވޭނެ އެވެ.
"ކީއްވެ" އަކީ ރީކޯ މޫސާ އެތައް އަހަރަށް ފަހު ލީޑް ރޯލަކުން ފެނިގެންދާ ފިލްމެއް ކަމަށް ވުމުން، މި ފިލްމަށް އާންމުންގެ ތެރެއިން ވަރަށް ބޮޑު ސަމާލުކަމެއް ލިބެމުންދާކަން ފާހަގަ ކުރެވެ އެވެ.