ބޮޑުތަކުރުފާނު މަގުގެ 24 މީޓަރުގެ ޝީޓް ޕައިލިންގ ނިމިއްޖެ : އެމްޓީސީސީ

-

ބޮޑުތަކުރުފާނު މަގުގެ 24 މީޓަރުގެ ޝީޓް ޕައިލިންގ ނިމިއްޖެ : އެމްޓީސީސީ

SHARE

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކުރައްވާފައިވާ ގޮތުގައި، މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 24 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމައި، އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް ވެސް ނިމިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މި މަޝްރޫޢަކީ 144 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގެއްގައި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްޤީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި މަޝްރޫޢު ނިމުމުން މާލޭގެ މަލަމަތި ރީތިވުމުގެ އިތުރުން، ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުންދާ މި ސަރަހައްދުގެ ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މި ސަރަހައްދަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އޮފީސްތަކާއި، މާލޭ މަސްމާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ހިމެނޭ ސަރަހައްދަކަށްވުމާއެކު، މި ތަރައްޤީގެ ސަބަބުން ގިނަ ބަޔަކަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.