MTCC

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރަޕީއަށް މިދިޔަ މަހު 4.8 މިލިއަން ރުފިޔާ ހޭދަކޮށްފި

b_Xp09DQoAF5aXf7G8TJjqX6sbA

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރަޕީއަށް މިދިޔަ މަހު 4.8 މިލިއަން ރުފިޔާ ހޭދަކޮށްފި

SHARE

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ނިމިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް ދައުލަތުގެ ބަޖެޓުން 4.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ތެރޭގައި ތެރަޕިއުޓިކް ފަރުވާގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ޖުމްލަ 4،834،087 ރުފިޔާ ވަނީ ދޫކޮށްފައެވެ. ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމުގެ ދަށުން 324 މީހަކަށް އެހީ ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި 310 ކުޑަކުދިން ހިމެނެއެވެ. އަދި އާންމު ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން އިތުރު 157 ފަރާތަކަށް ވަނީ މި ފަރުވާއަށް ބޭނުންވާ މާލީ އެހީތެރިކަން ދީފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ބިހޭވިއާ ތެރަޕީއަށެވެ. އެ ފަރުވާއަށް އެކަނިވެސް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފަރުވާގެ އެކި ބާވަތްތަކަށް ހޭދަވި މިންވަރު:

  • ބިހޭވިއާ ތެރަޕީ: 1،561،780 ރުފިޔާ
  • އޮކިއުޕޭޝަނަލް ތެރަޕީ: 1،237،366 ރުފިޔާ
  • ސްޕީޗް ތެރަޕީ: 1،207،649 ރުފިޔާ
  • އެޑިއުކޭޝަނަލް ތެރަޕީ: 748،400 ރުފިޔާ
  • އިންޓަވެންޝަން: 32،500 ރުފިޔާ
  • ފިޒިއޯތެރަޕީ: 24،492 ރުފިޔާ
  • ސައިކޯ ތެރަޕީ: 21،900 ރުފިޔާ

އެންސްޕާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އެހީ ހޯދާ މީހުންގެ ތެރޭގައި އެންމެ ގިނައީ 18 އަހަރުން ދަށުގެ ކުދިންނެވެ. އަދި އުމުރުފުރާތަކުގެ ނިސްބަތަށް ބަލާއިރު ފިރިހެން ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ތެރަޕީގެ އެކި ފަރުވާތަކަށް އެދޭ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ކުރާ ޖުމްލަ ހަރަދުގެ ބޮޑު އިންސައްތައެއް މިހާރު ހިއްސާކުރަނީ މިފަދަ ތެރަޕިއުޓިކް ފަރުވާތަކަށް ކުރެވޭ ހަރަދުތަކެވެ.