އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ ބިޔަ މަޝްރޫއު ކުރިއަށްދާނެ ގޮތުގެ ކޮންސެޕްޓް ކުރެހުންތައް ދައްކާލައިފިއެވެ.
މި މަޝްރޫއުގެ ކުރެހުންތައް ހިމެނޭ ވީޑިއޯ އެކްސްގައި އާންމުކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއު ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ ފުންނާބުއުސް ޑިޒައިން ކުންފުންޏެއް ކަމަށްވާ "ވާއު އާކިޓެކްޓްސް / ވާނާ ވޮން ޑިޒައިން" އިންނެވެ. މިއީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މާސްޓާ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ޒަމާނީ އަރބަން ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނޭ ފަދަ ފުރިހަމަ ޑިޒައިނެކެވެ. މިގޮތުން، އުސް ރެސިޑެންޝަލް ޓަވަރުތަކާއި، ހިތްގައިމު ވޯޓާފްރަންޓް ޓައުންހޯމްތައް މި ޕްލޭންގައި ހިމެނެއެވެ.
އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މިއީ ހަމައެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނޫނެވެ. މިއީ ރައްޔިތުންނަށް ބޭނުންވާނެ އެންމެހައި ޒަމާނީ ހިދުމަތްތަކާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ފުރިހަމަ ޓައުންޝިޕެކެވެ. އެގޮތުން ވިޔަފާރި ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކުގެ އިތުރުން ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި، ހިތްފަސޭހަ މައިޒާންތަކާއި، މޫދަށް އެރޭނެ ހާއްސަ ސަރަހައްދުތައް ވެސް މި ސަރަހައްދުގައި ގާއިމުކުރެވިގެންދާނެއެވެ. އަދި ތިމާވެއްޓާ ރައްޓެހި ފެހި ޓެރަސްތަކާއި ހައިބަތު ބޮޑު މިސްކިތެއް ވެސް ކުރެހުންތަކުން ފެނިގެންދެއެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްދިނުމުގެ މަގުސޫދުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
މި މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލައްބާރުގެ ހިއްސާ އޮންނަ، ދުނިޔޭގެ އެކި ގައުމުތަކުގައި ފާހަގަކޮށްލެވޭ ބިޔަ މަޝްރޫއުތައް ހިންގަމުން އަންނަ އަބޫދާބީގެ ނުފޫޒުގަދަ ކުންފުންޏެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއަކީ ވެސް މި ކުންފުންޏާ ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.