މާލެ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިންވަރު އިތުރުވެ، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވެސް މި ބަލީގެ އިތުރު ކޭސްތަކެއް ފެނިފައިވާތީ، މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދު 286 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ ފަސް ވޭދަނައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ފަހުގެ ދެ ކޭސްއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 286 އަށް އަރައިފައެވެ.
ރާއްޖެއިން ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައެޅި ނަމަވެސް، 2020 އަދި 2023 ވަނަ އަހަރު ވެސް މި ބަލީގެ މަދު ކޭސްތަކެއް ވަނީ ފެނިފައެވެ. އެހެންނަމަވެސް، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ބަލި ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެޗްޕީއޭގެ ހިސާބުތަކުން ހާމަވެއެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް ޖުމްލަ 16،423 މީހަކަށް ހިމަބިހީގެ ވެކްސިން ވަނީ ދީފައެވެ. އެޗްޕީއޭއިން ބާރުއަޅަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކާއި، ބަލި ޖެހިފައިވާ މީހަކާ އެއްތާވި (ކޮންޓެކްޓްވި) ފަރާތްތަކުން ލަސްނުކޮށް ވެކްސިން ޖެހުމަށެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުން ވެކްސިން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފައެވެ.
މާލެ ސަރަހައްދުގައި އާންމުކޮށް ވެކްސިން ދޭ މަރުކަޒުތަކާއި ގަޑިތައް:
- އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު (ޔޫޕީއެޗްސީސީ / ދަމަނަވެށި): އާދިއްތަ އިން ބުރާސްފައްޗަށް (ހެނދުނު 8:30 އިން މެންދުރު 12:00 އަށް)
- ހުޅުމާލޭ ހޮސްޕިޓަލް: އާދިއްތަ، ހޯމަ އަދި އަންގާރަ (ހެނދުނު 9:00 އިން 11:00 އަށް) އަދި ބުދަ، ބުރާސްފަތި، ހޮނިހިރު (މެންދުރުފަހު 1:00 އިން 3:00 އަށް)
- ސެނެހިޔާ ހޮސްޕިޓަލް: އާދިއްތަ އިން ބުރާސްފައްޗަށް (ހެނދުނު 10:00 އިން ހަވީރު 4:00 އަށް)
- ވިލިމާލެ ހޮސްޕިޓަލް: އާދިއްތަ އިން ބުރާސްފައްޗަށް (މެންދުރުފަހު 1:30 އިން 3:30 އަށް)
މީގެއިތުރުން، ހިމަބިހި ޖެހިފައިވާ މީހުންނާ ގާތުން އެއްތާވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލުން ވަކި ހާއްސަ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޔޫޕީއެޗްސީސީން އާދިއްތަ އިން ބުރާސްފައްޗަށް މެންދުރުފަހު 2:00 އިން 3:30 އަށް އަދި ހުޅުމާލޭ ހޮސްޕިޓަލުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 11:00 އަށް އެފަދަ ފަރާތްތަކަށް ވެކްސިން ދެމުން ގެންދާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.