MTCC

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

5acbebfe2a1aeb384243d920a32d2553-876x656

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

SHARE

ބެންކޮކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދިވެހި ދެ ފިރިހެނަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ތައިލޭންޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އަލީ ރަޝީދު (46އ) އަދި މުހައްމަދު ވިސާމް (34އ) އެވެ. މި ދެ މީހުން އަތުލައިގަނެފައި ވަނީ ބެންކޮކުގެ ޕްރަތޫނަމް ސަރަހައްދުގައި ހިންގާ ކާގޯ ހިދުމަތްދޭ ތަނަކުން، އެ ގައުމުން ބޭރަށް ފޮނުވަން މަސައްކަތްކުރި ބޮޑެތި ޕާރުސަލްތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

މި އޮޕަރޭޝަން ފުލުހުން ހިންގާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު، ވަރަށް ވަރުގަދައަށް ބަންދުކޮށްފައިވާ ފޮށިތަކަކުން އާދަޔާ ހިލާފު ގަދަ ވަހެއް ދުވާތީ އެ ތަކެތި ފޮނުވައިނުދީ އަނބުރާ ގެންދިއުމަށް އެތަނުގެ މުވައްޒަފުން އެންގުމަށްފަހު، ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެންނެވެ. ފުރަތަމަ ކުންފުނިން އެ ފޮށިތައް ބަލައިނުގަތުމުން، އެހެން ކުންފުންޏެއް މެދުވެރިކޮށް އެތަކެތި ފޮނުވަން ޓުކްޓުކެއްގައި އެ މީހުން ދަތުރުކުރަމުން ދަނިކޮށް ފުލުހުން ވަނީ އެ ދެ މީހުން ހުއްޓުވައި ހައްޔަރުކޮށްފައެވެ.

އެ ފޮށިތައް ބަލައި ފާސްކުރިއިރު، ސްޓެއިންލެސް ސްޓީލް އިންސިއުލޭޓެޑް 8 ތައްޓެއްގެ ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތުގެ އިތުރުން، ކުޑަކުދިންގެ އަންނައުނާއި ކުޅޭ ތަކެތީގެ ތެރޭގައި ބަންދުކޮށްފައި ހުރި 10 ކިލޯގެ ކެނެބިސް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުން ފަޔާ ތައި ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، ގާނޫނާ ހިލާފަށް ކެޓެގަރީ 1 ގެ މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރަން އުޅުމުގެ ތުހުމަތު ވަނީ ކޮށްފައެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް، އެ ފޮށިތަކުގައި މަސްތުވާތަކެތި ހުރިކަން އެނގިފައި ނުވާ ކަމަށާއި އެއީ ރަހުމަތްތެރިއަކު ފޮނުވަން ހަވާލުކުރި އެއްޗެއް ކަމަށް ބުނެފައެވެ.

މި މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް ބެންކޮކް ފުލުހުން ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.

ތައިލޭންޑަކީ މަސްތުވާތަކެތީގެ ކުށްތަކަށް ވަރަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވާ ގައުމަކަށްވާއިރު، ކެޓަގަރީ 1 ގެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބު އައުމުގެ ފުރުސަތު އެ ގައުމުގެ ގާނޫނުތަކުގެ ދަށުން އޮވެއެވެ.