މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގި ކަމުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި މައްސަލައިގައި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މަގާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ފިޔަވަޅު އަޅަންޖެހުނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރުމުގެ ކުށުގައި ޖަލަށް ލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޝަރުތުތަކަކާ އެކު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ބޯޑުން ނިންމުމާ ގުޅިގެންނެވެ.
މި ނިންމުމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބުމާ ގުޅިގެން މައްސަލަ ބެލިބެލުމުން، އެ ނިންމުން ނިންމާފައިވަނީ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ބަލަންޖެހޭ މުހިންމު ކަންކަމަށް ފުރިހަމައަށް ރިއާޔަތްނުކޮށް ކަން ފާހަގަކުރެވިފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އެހެންކަމުން، އެ ނިންމުން އަލުން މުރާޖައާ ކުރުމަށް މިއަދުގެ ވަގުތެއްގައި ބޯޑަށް އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ބެލި ބެލުމުގައި ޕެރޯލް ބޯޑުގެ ނިންމުމުގައި އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނު ގާނޫނުގެ ތެރެއިން ބަލަން ޖެހޭ ބައެއް ކަންކަން ބެލިފައި އޮތީކީ އެކަން ބަލަން ޖެހޭ ގޮތަކަށް ނޫން ކަން. އެހެންވެ އެކަމާ ގުޅިގެން މިއަދުގެ ވަގުތެއްގައި އަޅުގަނޑު ވާނީ އެ ނިންމުން އަލުން ރީކޮންސިޑާކޮށް ދިނުމަށް ޕެރޯލް ބޯޑަށް އަންގާފައި،" އިހުސާން ވިދާޅުވިއެވެ.
ޕެރޯލް ބޯޑުން މި ނިންމުން ނިންމުމުގައި ގާނޫނީ އިމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ، އެ ބޯޑު އެކުލެވިގެންވާ ހުރިހާ މެންބަރުން ވަކިކޮށް، މައްސަލަ އިތުރަށް ބެލުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.
ޕެރޯލް ބޯޑަކީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން، ޝަރުތު ހަމަވާ ޤައިދީން ވަކި ޚާއްސަ ޝަރުތުތަކަކާ އެކު މުޖުތަމައަށް ދޫކޮށްލުމާ މެދު ގޮތެއް ނިންމުމުގެ ޤާނޫނީ ބާރު ދީފައިވާ ބޯޑެކެވެ. މި ބޯޑު އެކުލެވިގެންވަނީ ޤާނޫނު ތަންފީޒުކުރާ އިދާރާތައް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން، ޝަރުޢީ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކުގެ (ސިވިލް ސޮސައިޓީ) މަންދޫބުންގެ މައްޗަށެވެ.
މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕެރޯލް ޕްރޮގްރާމަށް އެދި ހުށަހަޅާ ޤައިދީންގެ ޝަރުތު ހަމަވޭތޯ ބަލައި، އެމީހުންނާ އިންޓަވިއުކޮށް ވަޒަންކުރުން ހިމެނެއެވެ. މީގެއިތުރުން ޖަލުގައި ހޭދަކުރި މުއްދަތުގައި ޤައިދީ އިސްލާޙުވެފައިވާ މިންވަރާއި، ހިންގުނު ތައުލީމީ އަދި ފަންނީ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ މިންވަރު ދެނެގަތުމަށްފަހު، ޤަވާއިދާ އެއްގޮތަށް މުޖުތަމައަށް އަލުން ރުޖޫއަވުމުގެ ހުއްދަ ދިނުމަކީ ވެސް މި ބޯޑުގެ ޒިންމާއެކެވެ