ރާއްޖޭގެ ދެކުނުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލި ނިންމުން ބާތިލުކޮށް، އޭނާ އަލުން ހައްޔަރުކޮށް ޖަލަށް ގެންގޮސްފިއެވެ.
މިކަން ހާމަކުރައްވައި ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އަބުޗާ މިއަދުގެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށް އަލުން ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.
އަބުޗާއަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް، ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މީހެކެވެ. އެ އޮޕަރޭޝަނުގައި އޭނާއާއެކު ޖުމްލަ 17 މީހަކު ހައްޔަރުކުރިއިރު، ފުލުހުން ވަނީ 61 ކިލޯގެ ޑައަމޯފިން އާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް އަތުލައިގެންފައެވެ. އެ މައްސަލައިގެ ޝަރީއަތަށް ފަހު، މިދިޔަ އަހަރުގެ މެއި 19 ގައި އޭނާގެ މައްޗަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ޕެރޯލް ބޯޑުން ޝަރުތުތަކަކާ އެކު އޭނާ މުޖުތަމައަށް ދޫކޮށްލަން ނިންމީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އަބުޗާ ދޫކޮށްލި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އެ ނިންމުން ނިންމާފައިވާ ގޮތް ބެލިބެލުމުން، ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ އަދި ބަލަންޖެހޭ މުހިންމު ކަންތައްތަކެއް އެންމެ ރަނގަޅަށް ބެލިފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
މިނިސްޓަރު ވިދާޅުވީ ޕެެރޯލް ބޯޑްގެ އެ ނިންމުމާއި ގުޅިގެން ބޯޑްގައި ހިމެނޭ ހަ މެންބަރުން މިހާރު ވަކިކޮށްފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ މިހާލަތުގައި ބޯޑާއެކު ކުރިއަށްދާން ރަނގަޅު ކަމަށް ނުފެންނާތީ ކަމަށް ވިދާޅުވި އެވެ. އަދި ބޯޑްގެ މެންބަރުން ގަސްތުގައި ގޯސްކޮށް ކަމެއް ކޮށްފައިވާކަން ޔަޤީން ކުރެވޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެހެންކަމުން، އެ ނިންމުން އަލުން މުރާޖައާކުރުމަށް ޕެރޯލް ބޯޑަށް އަންގަވައި، އޭނާ އަލުން ހައްޔަރުކޮށް ޖަލަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދެވީ ކަމަށް އިހުސާން ވިދާޅުވިއެވެ.