ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް، އައްޑޫ އިކުއިޓޯރިއަލް ހޮސޕްިޓަލަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި މާކެޓް އަގަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ މުއާމަލާތްތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.01 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހިންގަންވާނީ ވާދަވެރި މާހައުލެއްގެ ތެރެއިން، އިގްތިސާދީ ގޮތުން އެންމެ ފައިދާހުރި، އަދި ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި ދެފުށްފެންނަ ޒިންމާދާރު އުސޫލަކުންނެވެ. ނަމަވެސް، އެ ހޮސްޕިޓަލުން 2022، 2023 އަދި 2024 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތްތަކުގައި މި އުސޫލުތަކަށް އަމަލުކޮށްފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
ޖެނެރަލް ކޮންޒިއުމަބަލްސް ހޯދުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އަމަލުކުރުން
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންޒިއުމަބަލްސް ގަތުމަށްޓަކައި މާލިއްޔަތު ގަވާއިދާ ހިލާފަށް ސިންގަލް ޕީސް އަގުގައި ގިނަ އަދަދެއްގެ ތަކެތި ވަނީ ގަނެފައެވެ. އަހަރަކަށް ބޭނުންވާ ރިކުއާމަންޓް ތައްޔާރުކޮށްފައިވީ ނަމަވެސް، އަގު ހުށަހަޅަން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. އޭގެ ސަބަބުން ބަލްކް ޕާޗޭސް ޑިސްކައުންޓް ފަދަ މާލީ ފައިދާތައް ދައުލަތަށް ގެއްލިގެން ގޮސްފައިވެއެވެ.
އަދި ބިޑު އިވެލުއޭޓް ކުރުމުގައި ބޭނުންކޮށްފައިވާ އުސޫލުގެ ސަބަބުން، ހޮސްޕިޓަލުން އެންމެ ގިނައިން ބޭނުންކުރާ ތަކެތީގެ އަގު ބޮޑުކޮށް ހުށަހެޅި ފަރާތްތަކަށް ބިޑް ކާމިޔާބުވުމުގެ ފުރުސަތު ފަހިވެފައިވާކަން ފާހަގަކުރެވުނެވެ. މިގޮތުން، އޮޑިޓްގައި ސާމްޕަލްގެ ގޮތުގައި ބެލި 3,083,388 ރުފިޔާގެ ތަކެތި ގަނެފައިވަނީ މާކެޓް އަގަށްވުރެ 2,083,966 ރުފިޔާ ބޮޑުކޮށެވެ. މީގެއިތުރުން، ކިއު ސިސްޓަމަށް ބޭނުންވާ ޕްރިންޓަރ ރޯލް ހޯދުމުގައި ވެސް މެދުވެރިއެއް ބޭނުންކޮށްގެން މާކެޓް އަގަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެފައިވާތީ، މި މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ބެލުމަށް ވަނީ ލަފާދީފައެވެ.
މެޑިކަލް ކޮންޒިއުމަބަލްސް ހޯދުމުގައި ރޭވުންތެރިކަމެއް ނެތުން
2022 ވަނަ އަހަރު މެޑިކަލް ކޮންޒިއުމަބަލްސް ހޯދުމަށް ހަރަދުކުރި 58,670,778 ރުފިޔާގެ ތެރެއިން ސާމްޕަލްގެ ގޮތުގައި ބެލި 23 އައިޓަމަކަށް 1,964,971 ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ތަކެތި މާކެޓުގައި 948,511 ރުފިޔާއަށް ލިބެން ހުއްޓެވެ. އަދި ތަކެތި ހޯދުމަށް ދުރާލައި ރޭވުމެއް ނެތި، ލީޑް ޓައިމް އާއި ރީއޯޑަރ ލެވެލްތައް ކަނޑަނާޅައި މަސައްކަތް ކުރުމުގެ ސަބަބުން، 17,938,262 ރުފިޔާގެ ތަކެތި ހޮސްޕިޓަލަށް ލިބުން ލަސްވެ، ބޮޑު އަގުގައި ތަކެތި ގަންނަން ޖެހިފައިވެއެވެ.
އިމާރާތް މަރާމާތުކުރުމުގެ މަސައްކަތްތައް ބޮޑު އަގުގައި ހަވާލުކުރުން
ހޮސްޕިޓަލުގެ ބޭރުގައި ޖަހާފައިވާ ތަށިމުށިތައް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ކުޑަ އަގު ކަމަށްވާ 699,840 ރުފިޔާ ހުށަހެޅި ފަރާތުގެ ބިޑް ކުދިކުދި ސަބަބުތަކާ ހުރެ ބާތިލުކުރުމަށްފަހު، އެ މަސައްކަތް 1,277,521 ރުފިޔާއަށް ދެވަނަ ފަރާތާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ އަންދާޒާ އަގަކީ 250,000 ރުފިޔާއެވެ.
ހަމައެއާއެކު، ސެޕްޓިކް އޯ.ޓީ ރޫމްގެ އޭސީ ޑަކްޓް މަރާމާތުކުރުމުގެ މަސައްކަތް 767,789 ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، އެއީ އަންދާޒާ ކުރި ބަޖެޓަށްވުރެ 173,189 ރުފިޔާ އިތުރު އަދަދެކެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށްވާތީ، ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވަނީ އަންގާފައެވެ.
ބޭނުން ނުކުރެވި ހުރި ޑިޒައިންތަކާއި ލިކުއިޑޭޓެޑް ޑެމޭޖަސް އުނިނުކުރުން
ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޑިޒައިނާއި އީ.އައި.އޭ ހެދުމަށް 827,860 ރުފިޔާ ހަރަދުކޮށްފައިވީ ނަމަވެސް، ބަޖެޓު ހަމަޖެހިފައި ނެތުމުގެ ސަބަބުން އެއްވެސް އަމަލީ މަސައްކަތެއް ނުފެށި ވަނީ ހުއްޓިފައެވެ. މީގެއިތުރުން، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިންމައި 228 ދުވަސް ލަސްވުމުން ކަނޑަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސްގެ 116,070 ރުފިޔާ ކޮންޓްރެކްޓަރުގެ އަތުން އުނިކޮށްފައެއް ނުވެއެވެ.
ޑައޮޑް ލޭޒަރ ސިސްޓަމް ހޯދުމުގެ މުއާމަލާތް
ހޮސްޕިޓަލަށް 2.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯދި ޑައޮޑް ލޭޒަރ ސިސްޓަމް ހޯދުމުގައި އެސްޓީއޯ އިން ހުށަހެޅި އަގަށްވުރެ ބޮޑު އަގުގައި އަމިއްލަ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައިވެއެވެ. އަދި އެއްބަސްވުމާ ހިލާފަށް ތަކެތި ފޯރުކޮށްދިނުން ލަސްވުމުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ 391,243 ރުފިޔާގެ ބަދަލުގައި އުނިކޮށްފައިވަނީ އެންމެ 70,759 ރުފިޔާއެވެ. އެހެންކަމުން 320,484 ރުފިޔާ ވަނީ އުނިނުކޮށް ދޫކޮށްލާފައެވެ. މީގެ އިތުރުން، 2022 ގައި ގެނައި މި މެޝިނަށް މުވައްޒަފުން ތަމްރީނު ނުކުރެވި ދިގުލައިގެން ގޮސް، މެޝިންގެ ބޭނުން ފުރަތަމަ ފަހަރަށް ހިފާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ބްރޭންޑް ނިއު ވޭން ގަތުމުގެ މައްސަލަ
ހޮސްޕިޓަލަށް ބްރޭންޑް ނިއު ވޭނެއް ގަތުމަށް 795,000 ރުފިޔާއަށް ހަވާލުކުރި ފަރާތަށް އެ ތަކެތި ފޯރުކޮށްނުދެވުމުން އެއްބަސްވުން ބާތިލުކުރިއިރު، ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހިފަހައްޓަންޖެހޭ 39,750 ރުފިޔާ ހިފަހައްޓާފައެއް ނުވެއެވެ. އަދި އަލުން އިއުލާނު ކުރުމަކާ ނުލައި، ދެވަނައަށް ދިޔަ ފަރާތަށް 1,378,000 ރުފިޔާއަށް އެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މިއީ ކުރިން ހަވާލުކުރި އަގަށްވުރެ 583,000 ރުފިޔާ ބޮޑު އަދަދެކެވެ.
އަދި މިނޫނަސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޕްރޮކިއުމެންޓުން ވަނީ ގަވައިދާ ހިލާފަށް ކޮށްފައެވެ. މި ހުރިހާ ކަމަކާ ގުޅިގެން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށާއި، ދައުލަތަށް ލިބުނު ގެއްލުންތަކަށް ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.