MTCC

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ 3 ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ht4rj4qasaavnyw2

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ 3 ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ފުރަގަހަށް ވާގޮތަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުންނެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ މަގުގައި ކުރިން އަތުރާފައި ހުރި ގާތަކާއި ދުވާރުތައް ނެގުމުގެ މަސައްކަތެވެ. އަދި މި ހިނގާ ހަފުތާގެ ތެރޭގައި މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ތިންވަނަ ފިޔަވަހީގެ ދަށުން މައިގަނޑު ގޮތެއްގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ، މިހާތަނަށް ނުހެދި އޮތް ބައިތަކެވެ. އޭގެ ތެރޭގައި ވެސްޓްޕާކް ސަރަހައްދުން ފެށިގެން މާލޭގެ ވިޔަފާރި ބަނދަރާ (އެމްޕީއެލް) ހަމައަށް އޮތް ސަރަހައްދު ހިމެނެއެވެ.

މި މަޝްރޫއަކީ ވެރިރަށް މާލޭގެ މަގުތަކަކީ އަމާން، ދަތުރުފަތުރަށް ލުއިފަސޭހަ އަދި އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ ތަނަކަށް ހެދުމުގެ މަގުސޫދުގައި ހިންގާ މުހިންމު މަޝްރޫއެކެވެ. އެމްޓީސީސީން ފާހަގަކުރާ ގޮތުގައި މި މަސައްކަތް ނިމުމުން، ވެރިރަށުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ޖުމްހޫރީ މައިދާނުން ފެށިގެން ނޯތު ހާބަރާ ހަމައަށް ވަނީ މާލޭގެ ފަޅުން ބައެއް ހިއްކައި، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގު ފުޅާކޮށް ތަރައްގީ ކުރުމާ ގުޅިގެން، އެ ސަރަހައްދު ބޭނުންކުރާ އާންމުންނަށް ވަނީ ދަތުރުފަތުރުގެ ބޮޑު ލުއިފަސޭހަކަމެއް ލިބިގެން ގޮސްފައެވެ.