މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމެންޓުގައި އަޅާފައިވާ ތާރުގަނޑު ނެގުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން މި މަސައްކަތް ފަށާފައިވަނީ އަމީނީމަގުގެ ފުރަތަމަ ދެ ސެގްމެންޓުގެ މަސައްކަތް އެއްކޮށް ނިންމައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ފަހުގައެވެ.
ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، މިހާރު ފަށާފައިވާ ތިންވަނަ ސެގްމެންޓުގެ ދަށުން އިއްޒުއްދީން ހިނގުމުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ހިމެނޭ 1،924.77 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކުރާނެއެވެ. އަދި އެ ސެގްމެންޓުގެ މަސައްކަތް ނިމުމާއެކު ހަތަރުވަނަ ސެގްމެންޓުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ހަތަރުވަނަ ސެގްމެންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް 1،148.91 އަކަމީޓަރުގެ ސަރަހައްދު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތެވެ.
ވެރިރަށް މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީމަގުގައި އަލުން ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ، ކުރީގެ ސަރުކާރުން އާރުޑީސީ މެދުވެރިކޮށް ހެދި އެ މަގުގެ ބައެއް ސަރަހައްދުތަކުގެ ތާރުގަނޑު ހަލާކުވެ، އަޑިގަނޑުތައް ހެދި ދަތުރުފަތުރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. އެގޮތުން މި މަސައްކަތްތަކަށް މަގު ފަހިކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ހިމެނޭ ބައި ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ވަނީ ބަންދުކޮށްފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިމުމުން މަގު ބޭނުންކުރާ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުވެ، ދަތުރުތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި މިއީ މާލޭގެ މަގުތަކުގެ އުމްރާނީ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރުގެ ހަރުދަނާ ވިއުގައަކުން މާލެ ގުޅާލުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.