MTCC

މުދައްރިސުން ބާރުވެރިކުރުވައި، މަސައްކަތަށް ފަހި މާހައުލެއް އޮތުން މުހިއްމު: ރައީސް

saw

މުދައްރިސުން ބާރުވެރިކުރުވައި، މަސައްކަތަށް ފަހި މާހައުލެއް އޮތުން މުހިއްމު: ރައީސް

SHARE

ދިވެހިރާއްޖޭގެ ތައުލީމީ ބިންގާ ހަރުދަނާކުރުމަށްޓަކައި މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދިނުމަށާއި، އެ ބޭފުޅުންގެ މަސައްކަތުގެ މާހައުލު އިތުރަށް ފުރިހަމަކޮށްދިނުމަށް މި ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ކުރެއްވި ޓުވީޓުގައި، ހަލުވި ބަދަލުތަކަކާ ކުރިމަތިލާންޖެހިފައިވާ މި ޒަމާނުގައި ޖީލުތައް ބިނާކުރުމަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޅަދަރިންގެ މުސްތަގުބަލު އުޖާލާކުރުމަށް އެ ބޭފުޅުން ވެވަޑައިގަންނަވާ މަތިވެރި ގުރުބާނީއާއި، ފޯރުކޮށްދެއްވާ އިލްމީ ހިދުމަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ވިދާޅުވީ މުދައްރިސުންގެ ވެލްފެއާއަށް އިސްކަންދީ، އެ ބޭފުޅުން އުފުލަންޖެހޭ މަސައްކަތުގެ ބުރަ ލުއިކޮށްދޭނެ ކަމަށާއި ކިޔަވައިދިނުމުގެ ޒިންމާ ފަސޭހަކަމާއެކު އަދާކުރެވޭނެ އެކަށޭނަ ރަނގަޅު މާހައުލެއް ބިނާކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި ހަމައެއާއެކު އެންމެން ޝާމިލުވާ ތައުލީމީ ނިޒާމެއްގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދިނުމުގައި މުދައްރިސުންގެ ފެންވަރާއި ހުނަރު މަތިކޮށް މުދައްރިސުންގެ އަގުވަޒަންކޮށް، ތައުލީމީ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮންމެ ދަރިވަރަކަށްވެސް އެކުއްޖެއްގެ އެންމެ މަތީ ހުނަރާއި ހިސާބަށް ވާސިލުވެވޭނީ މުދައްރިސުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދެވިގެން ކަމަށެވެ. އަދި މުދައްރިސުންނަށް ދެވޭ އެއްބާރުލުމަކީ ގައުމުގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ އެންމެ މުހިންމު ބިންގާ ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ވަނީ ކިޔަވައިދިނުމުގެ ދާއިރާގެ އަގުވަޒަންކޮށް، އެ ދާއިރާއަށް އިންވެސްޓްކުރުން މަތީ ދެމިތިބުމަށް ގޮވާލައްވާފައެވެ. އަދި ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ އެންމެ ފުރިހަމަ ހުނަރާއި ގާބިލުކަމަށް ވާސިލުވުމަށް މަގުފަހިކޮށްދެވޭނެ ފަދަ އެހީތެރިކަން މުދައްރިސުންނަށް ލިބިދޭ ތައުލީމީ ނިޒާމެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.