MTCC

ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހަކު ހައްޔަރުކޮށްފި

837568589_2313299279484887_2679864999495030538_n

ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހަކު ހައްޔަރުކޮށްފި

SHARE

މަސްތުގެ ހާލަތުގައި ހުރެ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް (26 އަހަރު) އެވެ.

ފުލުހުން ވިދާޅުވީ، އެ ދުވަހުގެ ފަތިހު 03:52 އެހައިކަންހާއިރު ހެލްމެޓް ނާޅައި، ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭއިން ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން އެމީހާ ދެނެގަނެ، މާލޭގެ ޓްރެފިކް ލައިޓް ކައިރިން މަޑުކުރުމަށް ފުލުހުން އެންގުމުން، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން އޭނާ ވަނީ ބާރު ސްޕީޑުގައި ފިލަން މަސައްކަތްކޮށްފައެވެ.

ފުލުހުންގެ ވެހިކަލް އޭނާގެ ފަހަތުން ގޮސް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި، އޭނާ ދުއްވި ސައިކަލު ވަނީ ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓްވެފައެވެ. މި ހާދިސާގައި ފުލުހުންގެ ކާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އެކްސިޑެންޓަށްފަހު އޭނާ ވަނީ ސައިކަލު މަގުމައްޗަށް ދޫކޮށްލުމަށްފަހު ފިލާފައެވެ.

ނަމަވެސް، މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން، މާލޭ މޫންލައިޓް ހިނގުމުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އަޙްމަދު ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ މީހެކެވެ. އެގޮތުން އޭނާގެ ނަމުގައި ނުދައްކައި އޮތް 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އެބައޮތެވެ. މީގެއިތުރުން ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމާއި، ލޯގަނޑު ނުޖަހައި ދުއްވުމާއި، ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމުގެ އިތުރުން މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވި މައްސަލަތަކުގެ ރެކޯޑު އޭނާގެ މައްޗަށް އޮތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.