MTCC

ރިއަލް އެސްޓޭޓް ޤާނޫނަކީ ވަކި މަޝްރޫއަކަށް ނޫން: އޭޖީ

large_thumb_1791133698292

ރިއަލް އެސްޓޭޓް ޤާނޫނަކީ ވަކި މަޝްރޫއަކަށް ނޫން: އޭޖީ

SHARE

ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް، އައު ސިނާއަތްތައް ކުރިއެރުވުމަށް ސަރުކާރުން އެކުލަވާލަން ނިންމާފައިވާ ރިއަލްއެސްޓޭޓް ޤާނޫނަކީ ވަކި ޚާއްސަ މަޝްރޫޢަކަށް އަމާޒުކޮށްގެން ހަދާ އެއްޗެއް ނޫން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމުގައި، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއާ ގުޅިގެން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، ރިއަލްއެސްޓޭޓް ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް މަޝްރޫއުތައް ހިންގުމުގެ ހަމަހަމަ ފުރުސަތު ދިވެހި އަދި ބޭރުގެ ކުންފުނިތަކަށްވެސް ފަހިވެގެންދާނެ ކަމަށެވެ.

"ރިއަލްއެސްޓޭޓް ޤާނޫނަކީ ވަކި ޕްރޮޖެކްޓަކަށް އަމާޒުކޮށްގެން އެކުލަވާލާނެ ޤާނޫނެއް ނޫން. މި ޤާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައިވެސް މިފަދަ ޕްރޮޖެކްޓު ހިންގުމުގެ ފުރުޞަތު ބޭރުކުންފުނިތަކަށްވެސް އޮންނާނެ އަދި ރާއްޖޭގެ ކުންފުނިތަކަށްވެސް އޮންނާނެ." އުޝާމް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު ފާހަގަކުރެއްވީ، އީގަލް ހިލްސްއާއެކު މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި "ކޮމާޝަލް ޓާމް" އެއްބަސްވުމެއްގައި ކަމަށެވެ. އަދި އެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުމުގައި ސޮއިކުރާނީ އަލަށް ތައާރަފުކުރާ ރިއަލްއެސްޓޭޓް ޤާނޫނާއި ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކުގެ އިމުގެ ތެރެއިން ކުރިއަށްގެންދެވޭ މަޝްވަރާތަކަށް ފަހުގައި ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން ރެޒިޑެންސީ ވިސާ ދޫކުރަމުންދަނީވެސް ރިއަލްއެސްޓޭޓް ދާއިރާ ފުޅާކުރުމުގެ ބޭނުމުގައިކަން ފާހަގަކުރައްވައި، ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ އެ އުސޫލުތަކާ އެއްގޮތަށް ކަމަށް އުޝާމް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވަނީ މިހާތަނަށް ސޮއިކުރެވުނު އެއްބަސްވުމުގައްޔާއި ކުރިއަށް ރޭވިފައިވާ އެއްވެސް މުޢާމަލާތެއްގައިވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފު އެއްވެސް ކަމެއް ނުހިމެނޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.