ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމާއި ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ކަނޑުމަތީގެ ޕެޓްރޯލް އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދެއް ވަރަށް އަވަހަށް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ސަރުކާރުގެ މިނިސްޓަރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައެވެ. މި ފޯރަމްގައި، ރާއްޖޭގެ އިޤްތިސާދީ ސަރަޙައްދު ރައްކާތެރިކުރުމަށާއި، ބޭރުގެ ފަރާތްތަކުން ކުރިމަތިވެދާނެ ނުރައްކާތެރި ކޮންމެ ހާލަތަކަށް ސިފައިން ތިބީ ކިހާވަރަކަށް ތައްޔާރުވެގެންތޯ އާންމު ފަރާތަކުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ރަޝީދު ވިދާޅުވީ، ކޮންމެފަދަ ހާލަތަކަށްވެސް ދިވެހި ސިފައިން އަބަދުވެސް ތިބެނީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށެވެ. ނަމަވެސް، އެ މަސައްކަތުގެ އެންމެ ފުރިހަމަ ނަތީޖާ ނެރެވޭނީ ސިފައިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފުރިހަމަކޮށްދީގެން ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އަސްކަރިއްޔާގެ ވަސީލަތްތައް ތަރައްޤީކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ތުރުކީވިލާތާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ހިލޭ އެހީގެ ދަށުން ދެ މަނަވަރު ހޯއްދަވާފައިވާ ކަމަށާއި، ވައިގެ މަގުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ޚިދުމަތަށް ނެރުއްވާފައިވާކަން ވެސް ހާމަކުރެއްވިއެވެ.
"ވަސީލަތްތައް އިތުރުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވާ. އިތުރު އުޅަނދުތަކާއި އިތުރު ވަސީލަތްތައް އިތުރުކޮށް ކެޕޭސިޓީ ވަރުގަދަކުރައްވަން އިސްކަން ދެއްވާ." މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން 12 ސީ-އެމްބިއުލާންސް ބަނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ހަސަން ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑު ކަމަށްވާތީ ކޯސްޓްގާޑުގެ ޕެޓްރޯލް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުވެސް މުޅިން އަލަށް 3 އުޅަނދެއް ހޯދާފައިވާ ކަމަށެވެ. އަދި އަލަށް ހޯދުމަށް މަސައްކަތްކުރާ 17 އުޅަނދުގެ ތެރެއިން ބައެއް އުޅަނދުތައް ކުރިއަށް އޮތް ނޮވެންބަރު މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ހުރިހާ މަސައްކަތްތަކަކީވެސް ރާއްޖޭގެ ވައިގެ އަދި ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެއް ކަމަށެވެ.