MTCC

ސްކޫލް ގަޑިތަކުގައި ބަރު އުޅަނދު ދުއްވުން ހުއްޓުވުމަށް "ބެލެންސްޑް" ސިޔާސަތެއް

main_featured_lg_202502161030371739683837.6601

ސްކޫލް ގަޑިތަކުގައި ބަރު އުޅަނދު ދުއްވުން ހުއްޓުވުމަށް "ބެލެންސްޑް" ސިޔާސަތެއް

SHARE

ސްކޫލް ގަޑިތަކުގައި ބަރު އުޅަނދުތައް ދުއްވައުން ހުއްޓުވައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ވެސް ދަތިނުވާނޭ ފަދަ ހަމަހަމަ އުސޫލުތަކެއް ނުވަތަ "ބެލެންސްޑް" ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ސަރުކާރުގެ ވަޒީރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގެ ތެރެއިންނެވެ. އެ ފޯރަމުގައި، ސްކޫލުތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި މަގުމަތީގައި ބަރު އުޅަނދުތައް ހަރަކާތްތެރިވާތީ ދިމާވާ ދަތިތަކާ ގުޅޭގޮތުން 9 އަހަރުގެ ކުޑަކުއްޖަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، ސްކޫލްތަކާއި އޮފީސްތައް ހުޅުވޭ އަދި ބަންދުވާ ވަގުތުތަކަކީ މަގުމަތީގެ ތޮއްޖެހުން ކުޑަ، އަމާން ވަގުތުތަކަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ބަރު އުޅަނދު ދުއްވާ ގަޑިތަކަށް ބަދަލު ގެނައުމުން ވިޔަފާރިވެރިންގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ސިނާއީ އަދި ވިޔަފާރި ހަރަކާތްތަކަށް ހުރަސްނޭޅޭނެ ގޮތަކަށް، އަދި ހަމައެއާއެކު ދަރިވަރުންނާއި އާންމުންގެ ރައްކާތެރިކަން އިސްކޮށްގެން ގިނަ ބަޔަކަށް އެއްބަސްވެވޭ ފަދަ "ބެލެންސްޑް" ސިޔާސަތެއް އެކުލަވާލުން ކަމަށް ވިދާޅުވިއެވެ.

"އާންމު ރައްޔިތުންނާއި ދަރިވަރުންގެ ރައްކާތެރިކަން އިސްކޮށް، ވިޔަފާރިވެރިންނަށް އުފުލަންޖެހޭ ތަކުލީފު އެންމެ ކުޑަވާނޭ ގޮތަކަށް މިކަން ނިންމަންޖެހެނީ. އަޅުގަނޑު އަރުވަން ބޭނުންވާ ޔަގީންކަމަކީ ވަރަށް އަވަހަށް ސަރުކާރުން އެ ސިޔާސަތު އެކަށައަޅައި ތަންފީޒުކުރަން ފަށާނެ ކަން،" ސައީދު ވިދާޅުވިއެވެ.

ދަތުރުފަތުރާއި ޕާކިންގް އަދި ވެހިކަލް ރަޖިސްޓްރޭޝަން ފަދަ ކަންކަން ހަރުދަނާކޮށް ހައްލުކުރުމަށްޓަކައި އިސްލާހުކުރެވުނު އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނަށް މި ހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ. ސައީދު ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތައް އެކަށައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުން ކަމަށާއި، މި ސަރުކާރުން އެ ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.