ދަސްވެނީންނަށް ލިބިފައިވާ އިލްމާއި ހުނަރުގެ އެހީގައި، ޤައުމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކަށް އީޖާދީ އައު ވިސްނުންތަކެއް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް މިކަމަށް އެދިވަޑައިގެންނެވީ، ރޭ ބޭއްވި ވިލާ ކޮލެޖުގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026″ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެ ހަފުލާގައި ކާމިޔާބީ ހާސިލުކުރި އެންމެހާ ދަސްވެނީންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް މަރުހަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމަށާއި މުޖުތަމައަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގައި، މަތީ ތައުލީމު ހާސިލުކޮށްފައިވާ ދަސްވެނީންގެ އީޖާދީ ވިސްނުމުގެ ބޭނުން ހިފުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދަސްވެނީންގެ މިފަދަ މަސައްކަތްތަކުގެ ސަބަބުން މުޅި މުޖުތަމަޢަށް އުފާވެރިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ދަސްވެނީން ވަޒީފާގެ މާހައުލަށް ނުކުންނައިރު، އެ ބޭފުޅުން ވެގެންދާނީ މަސައްކަތުގެ ދުވެލި ހަލުވިކޮށް، ކަންކަން ޒިންމާދާރުކަމާއެކު ނިންމުމަށް އައު އީޖާދުތަކާއި ވިސްނުންތައް ގެނެސްދޭނެ ބަޔަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ބަދަލުތަކުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކާއި ޢާންމު ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރު އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ހުވަފެނެއްކަން ފާހަގަކުރައްވަމުން، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ދުރުރާސްތާ ތަސައްވުރުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ތަސައްވުރު ހަޤީޤަތަކަށް ހެދުމަށްޓަކައި ޒުވާނުންނާއި ދަސްވެނީންގެ ފުރިހަމަ އެއްބާރުލުމާއި އީޖާދީ ބައިވެރިވުން ޤައުމަށް ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ.
ރޭގެ ހަފުލާގައި، ނައިބު ރައީސް ވަނީ ވިލާ ކޮލެޖުގެ ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދައިގެން "ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް" ހާސިލުކުރި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.