މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މަޢުލޫމާތު ޕްރޮފައިލް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މިފަދަ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، މި އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު، ޓްރެފިކް ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން ކުރިން އަޅަމުންދިޔަ ޖޫރިމަނާގެ ފިޔަވަޅުތަކުގެ އިތުރުން، އެއްވެސް އިންޒާރަކާ ނުލައި ޖިނާއީ ތަހުޤީޤު ހިންގާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ޚާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި؛ ބިރުވެރިކަން އުފެދޭ ގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، ބާރު އަޑުގަދަވާ ގޮތަށް ސައިލެންސަރު ބަދަލުކޮށްގެން ދުއްވުމާއި، ހަރުބިމުގައި ވީލް ކަހައިގެން (ބާންއައުޓް ހަދައިގެން) ދުއްވުމާއި، ދުވެލި މަތިކުރުމަށްފަހު މަޑުނުކޮށް ދުއްވުން ހިމެނެއެވެ. މީގެ އިތުރުން ކަމާބެހޭ އިދާރާތަކުގެ ހުއްދަ ނެތި ރޭސްޖެހުމާއި ހުނަރު ދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކް ކުރުމާއި، ބާރު ސްޕީޑުގައި ދުއްވުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރުން ފަދަ ކަންކަން ހިމެނެއެވެ.
މި އޮޕަރޭޝަނުގެ ދަށުން، ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހޯދައި، އެ އުޅަނދު ދުއްވި ފަރާތުގެ އިތުރުން އުޅަނދުގެ ވެރިފަރާތާ މެދުވެސް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެފަދަ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް އޮންނަ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން، މިފަދަ ނުރައްކާތެރި ޢަމަލުތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާކަން ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކާ މެދު އެޅެންހުރި އިދާރީ ފިޔަވަޅުތައް އެޅުމަށްޓަކައި އެ މައުލޫމާތު އެ މުއައްސަސާތަކާ ޙިއްޞާކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކުގެ ތެރެއިން އެ އަމަލު ތަކުރާރުކުރާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިފަދަ ކަންކަމާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯ އަދި ވީޑިއޯ ފަދަ މައުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް މި ފުރުޞަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރު އަދާކޮށްފައެވެ.