MTCC

އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް ހެދުން އަޅާ ބިދޭސީންނަށް ގާނޫނީ ފިޔަވަޅު އަޅަނީ

WanderWomenMale_42

އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް ހެދުން އަޅާ ބިދޭސީންނަށް ގާނޫނީ ފިޔަވަޅު އަޅަނީ

SHARE

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މަގުމަތީގައާއި އާންމު އެއްވެ އުޅޭ ތަންތަނުގައި، އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައެއް ބިދޭސީންނާއި ޓޫރިސްޓުން މުޖުތަމައުގެ އަހުލާގީ އަދި ސުލޫކީ ހަމަތަކަށް ނުފެތޭ ގޮތަށް އުޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ދިވެހިންގެ މެދުގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކަށާއި މުޖުތަމައުގެ އަމަންއަމާންކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން، މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ތަންފީޒުކުރަމުން ގެންދާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކުވެސް ގައުމުގެ ސަގާފަތަށާއި މުޖުތަމައުގެ ހަމަތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ލާޒިމު ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން، އެމީހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތައް މުޖުތަމައުގެ އިމުގެ ތެރޭގައި އުޅުމަށް ބާރުއަޅަން ޖެހޭނެއެވެ. ހަމައެއާއެކު، ފަތުރުވެރިންނަށް ޚާއްޞަ ރިޒޯޓުތަކާއި ކަނޑައެޅިފައިވާ ވަކި ސަރަޙައްދުތައް ފިޔަވައި، އާންމު ރަށްރަށުގައި ހަރަކާތްތެރިވާއިރު އެކަށޭނަ ގޮތުގައި ނިވާވެގެން އުޅުމަށް ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

މި އުސޫލުތަކާ ޚިލާފުވެ، މުޖުތަމައުގެ އަހުލާގީ އަދި އަދަބީ މިންގަނޑުތަކަށް ބޯނުލަނބާ ފަރާތްތަކާމެދު އެއްވެސް އިސްތިސްނާއެއް ނެތި، ގާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ތަކުރާރުކޮށް ދީފައެވެ.