ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަކުރުމުގެ މަޤްސަދުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" (އެމް.ޖީ.އައި.އެސް) ގެ ނަމުގައި ޒަމާނީ އާ ޕްލެޓްފޯމެއް ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.
މި ޑިޖިޓަލް ނިޒާމު އިފުތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސެސް، ހަސަން ޒަރީރެވެ.
މީރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އާ ނިޒާމުގެ ދަށުން ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ އެންމެހައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފްސީލުތައް އެއްތަނަކުން ވަރަށް ފަސޭހަކަމާއެކު ހުށަހެޅުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުން، މި ސިސްޓަމް މެދުވެރިކޮށް ފޮނުވާ މައުލޫމާތުތައް ޓޫރިޒަމް މިނިސްޓްރީއަށް ވެސް ލިބިގެންދާނެތީ، ދެ އިދާރާއަކަށް ވަކިވަކިން މަޢުލޫމާތު ފޮނުވަން ޖެހޭ ޖެހުމަށް ޙައްލެއް ލިބިގެންދާނެއެވެ.
މި ސިސްޓަމަކީ ވިޔަފާރިތަކުގައި މިހާރު ބޭނުންކުރަމުންދާ އަމިއްލަ ސޮފްޓްވެއަރތަކާއި ނިޒާމުތަކާ ގުޅާލެވޭ (އިންޓަގްރޭޓް ކުރެވޭ) ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. އެހެންކަމުން، މެނުއަލްކޮށް މަޢުލޫމާތު އެންޓަރކުރުމަށް ކުރަންޖެހޭ ބުރަ މަސައްކަތްތަކާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެ، ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މީރާއިން ފާހަގަކުރެއެވެ.
އައު ސިސްޓަމަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެއީ:
- 1 ނޮވެމްބަރުން ފެށިގެން: ހުރިހާ ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓްހައުސްތަކުން މި ސިސްޓަމް ބޭނުންކުރަން ފެށުން.
- 1 ޖަނަވަރީ 2027 އިން ފެށިގެން: ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ބާކީ ހުރި އެހެން ހުރިހާ ތަންތަނުން މި ސިސްޓަމް ބޭނުންކުރަން ފެށުން.
މީރާއިން އިތުރަށް ބަޔާންކުރި ގޮތުގައި، މި ސިސްޓަމް ތަޢާރަފުކުރި ނަމަވެސް ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ކުރިއެކޭ އެއްފަދައިން އެ ޚިދުމަތްތައް ކުރިއަށްދާނީ "މީރާކަނެކްޓް" ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، އައު ސިސްޓަމް މެދުވެރިކޮށް މަޢުލޫމާތު ރިޕޯޓްކުރުމުން، ޓެކްސް ބަޔާނާއެކު އިތުރު އިންފޮމޭޝަން ޝީޓް އަޕްލޯޑްކުރަން ނުޖެހި، ބަޔާން ހުށަހަޅާއިރު އެ މަޢުލޫމާތުތައް އޮޓޮމެޓިކުން ފުރިގެން (ޕްރީފިލް ވެގެން) އަންނާނެ ކަމަށް ވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.