MTCC

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ އައު ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

HN2BV1qbQAEgvka

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ އައު ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސުނާމީ ބިނާ ސަރަޙައްދުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އޮތް ސަރަޙައްދު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މި މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލްއާ ހަމައަށް މަގުމަތީގައި ބަހައްޓާފައިވާ އެކި ބާވަތުގެ ތަކެއްޗާއި، ސުނާމީ ބިނާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރު އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:00 ގެ ކުރިން ނަގައި އެ ސަރަޙައްދު ހުސްކުރުމަށް އަންގާފަވެ.

އަދި ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ނުނަގާ ހުންނަ ތަކެއްޗާއި އުޅަނދުފަހަރު، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އެ ސަރަޙައްދުން ނަގައި ސާފުކުރާނެ ކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ ދީފައެވެ.

މާލޭގެ ޓްރެފިކް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރުވެސް ވަނީ އެ މަގުގެ ބޮޑު ސަރަހައްދެއް ޒަމާނީ ފެންވަރަށް ނިންމާފައެވެ. އެގޮތުން ކުރިން ނިމުނު ބައި ތަރައްޤީކޮށްފައިވަނީ ފަޅުން ބައެއް ހިއްކައި، މަގު ފުޅާކުރުމަށްފަހު ތާރުއަޅައިގެންނެވެ.

މީގެއިތުރުން، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ތާރުއެޅި ސަރަޙައްދުގައި ޕާކުކުރުން މަނާކޮށް، ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ހާއްސަ ޕާކިންގ ޒޯނެއްވެސް ވަނީ ޤާއިމުކޮށްދީފައެވެ. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ގެނެސްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.