ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށްދިނުމުގެ މުޅިން އާ ރާސްތާއެއް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި "ދިވެހި ވަތަނީ ޚިދުމަތް" ޕްރޮގްރާމަށް އެއް އަހަރު ފުރި، ކަނޑައެޅި ލަނޑުދަނޑި ފުރިހަމައަށް ޙާސިލުކުރެވިފައިވާ ކަމަށާއި ކުރިޔަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ފުރުސަތު ހުޅުވާލައި އިންޓާންޝިޕް ޕްރޮގްރާމްތައްވެސް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 އޮކްޓޫބަރު 2025 ގައި މި ސަރުކާރުން ފެށި ދިވެހި ވަތަނީ ޚިދުމަތުގެ ތެރެއިން އަހަރަކު 1000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި އަމާޒު ފުރަތަމަ އަހަރުގެ ތެރޭގައި ޙާސިލުކުރެވިފައިވާ ކަމަށެވެ. އަދި ފާއިތުވި އެއް އަހަރަކީ ޒުވާނުންނަށްޓަކައި ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު އަހަރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަ ކަމަށް ވިދާޅުވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތުގެ ތެރެއަށް ފަންނީ އިތުރު ދާއިރާތަކާއި އިންޓަރންޝިޕް ޕްރޮގްރާމްތައް ތަޢާރަފްކުރެވިގެންދާނެ ކަމަށެވެ. އަދި މި ތަމްރީނުތައް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު ފުޅާކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށް ދިނުމުގެ މުޅިން އާ ރާސްތާއެއް ފަހިކޮށްދިނުމުގެ ނިޔަތާއި އުންމީދުން ފުރިގެންވި ޢަޒުމާއެކު 01 އޮކްޓޫބަރު 2025 ގައި މި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް މިވަނީ 1 އަހަރު ފުރިފައި. މާތް ﷲ އަށް ޙަމްދު ކުރާ ޙާލު، މި… pic.twitter.com/dV5MZN3ajM
— Dr Mohamed Muizzu (@MMuizzu) October 1, 2026
ރައީސް ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ ތެރެއިން 1028 ދިވެހި ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. މީގެއިތުރުން، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމްގެ ދަށުން 136 ޒުވާނަކު ތަމްރީނު ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި މުނާސަބާގައި ރައީސް ވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ހުރިހާ ޒުވާނުންނަށާއި އެ ޒުވާނުންގެ ޢާއިލާތަކަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި މި ކާމިޔާބު ހަރަކާތް ހިންގުމުގައި ޝާމިލުވި އެންމެހައި ފަރާތްތަކަށް އެމަނިކުފާނު ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ކުރިއަށްގެންދިޔަ އަސާސީ ތަމްރީނުގެ ތިން ބެޗުން ޖުމްލަ 1،028 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި 842 ފިރިހެން އަދި 186 އަންހެން ބައިވެރިން ވަނީ ބައިވެރިވެފައެވެ. ބެޗުތަކަށް ބަލާއިރު؛ ފުރަތަމަ ބެޗުން 344 ދަރިވަރުން، ދެވަނަ ބެޗުން 343 ދަރިވަރުން އަދި ތިންވަނަ ބެޗުން 341 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައެވެ.
އަތޮޅުތަކުގެ ބައިވެރިވުން:
މި ތަމްރީނުގައި އެންމެ ގިނަ އަދަދަކަށް ބައިވެރިން ތަމްރީނު ފުރިހަމަކުރީ ކ. އަތޮޅުންނެވެ. އެއީ 155 ދަރިވަރުންނެވެ.
އުތުރުގެ އަތޮޅުތަކުން:
- ހއ. އަތޮޅުން: 65 ދަރިވަރުން
- ހދ. އަތޮޅުން: 95 ދަރިވަރުން
- ށ. އަތޮޅުން: 62 ދަރިވަރުން
- ޅ. އަތޮޅުން: 23 ދަރިވަރުން
ދެކުނުގެ އަތޮޅުތަކުން:
- ތ. އަތޮޅުން: 73 ދަރިވަރުން
- ލ. އަތޮޅުން: 99 ދަރިވަރުން
ޚާއްސަ ހުނަރުތައް އުނގަންނައިދިނުމަށް ހިންގާ އެން.އެސް.އެސް.ޓީގެ ފުރަތަމަ ބެޗުން 63 ދަރިވަރުން ދަސްވެނިވެފައިވާއިރު، މިހާރު ކުރިއަށްދާ ދެވަނަ ބެޗުގެ 73 ދަރިވަރުން އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ދަސްވެނިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މިއަހަރުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާ އައު ބެޗުތަކާއެކު އިތުރު 436 ޒުވާނުން މި ޤައުމީ ޚިދުމަތާ ގުޅުމަށް ދަނީ ތައްޔާރުވަމުންނެވެ.