MTCC

ބޭރުގެ ބާޒާރުތަކަށް ފޮނުވާ ރޯމަސް ރިޖެކްޓްވާ މައްސަލަ ހައްލުކޮށްފި

img-3123-876x584

ބޭރުގެ ބާޒާރުތަކަށް ފޮނުވާ ރޯމަސް ރިޖެކްޓްވާ މައްސަލަ ހައްލުކޮށްފި

SHARE

ދައުލަތުގެ މަސް ކުންފުނި، މިފްކޯއިން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ރޯމަސް، މަންޒިލަށް ފޯރުމަށްފަހު ބޮޑު އިންސައްތައެއް ބަލައިނުގަނެ ރިޖެކްޓްކުރަމުން އައި ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ގެނެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ރާއްޖެއިން ފޮނުވާ މަހުގެ 10 އިންސައްތައާއި 12 އިންސައްތައާ ދެމެދުގެ މިންވަރެއް ބޭރުގެ ބާޒާރުތަކުން ރިޖެކްޓްވަމުން ދިޔަ ކަމަށެވެ. އަދި މިކަމަކީ ވަރަށް ވަރުގަދަ ނެޓްވޯކުތަކަކާ ގުޅިފައި އޮތް، ބުއްދިއަށް ގަބޫލުކުރަން ދަތި ކަންތައްތަކެއް ހިނގަމުންދިޔަ މައްސަލައެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މިފްކޯގެ ހިންގުން ހަރުދަނާކޮށް ގެނެވުނު ބަދަލުތަކާއެކު، މިހާރު މަހުގެ ފެންވަރު ބަލައި ޗެކްކުރުމުގެ އެންމެހައި އިންސްޕެކްޝަންތައް ކުރިއަށްދާނީ ރާއްޖޭގެ ބަނދަރުތަކުން ބޯޓުފަހަރަށް މަސް ބަރުކުރާ ވަގުތުގައެވެ. އެހެންކަމުން، މިންގަނޑަށް ނުފެތޭ މަހެއް ވާނަމަ އެކަން އެނގި ރިޖެކްޓްވާނީ ވެސް ރާއްޖޭގައި ހުންނަ މަރުހަލާގައި ކަމަށާއި، ބޭރުގެ މާކެޓަށް ދިއުމަށްފަހު މަސް ރިޖެކްޓްވާ ގޮތަށް އެއްވެސް ޝިޕްމެންޓެއް ދެން ފޮނުވާނުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

"މިއަދު މަސްގަންނަ ކުންފުނިން، ދިވެހިރާއްޖޭގެ ބަނދަރެއްގައި މަސް ލޯޑު ކުރާ ގަޑީގައި ހުންނާނީ އެ މަސް އިންސްޕެކްޓް ކުރަން. އެހެންވީމަ އެހިސާބުން ރިޖެކްޓްވާ އެއްޗެއް ރިޖެކްޓްވަނީ. އޭގެ މާނައަކީ މިފްކޯގެ ބުކްގައި ރިޖެކްޓްވާކަށް މަހެއް ބޭރެއް ނުވާނެ. އެގޮތަށް އަޅުގަނޑުމެން މިއަމަލު ކުރަނީ.". ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން، މި ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި މިފްކޯ ކުރިއެރުވުން ނޫން ކަމަށާއި، މި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ ސަރުކާރުގައި ކުއްލިއަކަށް މަހުގެ އަގު ބޮޑުކުރުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ކުރިމަތިވި މާލީ ދަތިތަކުން އަރައިގަނެވި، ސަރުކާރާއި މަސްވެރިން އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރި މަސައްކަތުން މަސްވެރިކަމުގެ ދާއިރާއަށް މިހާރު އައު ދިރުމެއް ލިބިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.