ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ލިބޭކަން ސިއްރުކުރަން އެދިއްޖެ

އެމްޑީޕީން ބޭއްވި ކޮންފަރެންސްގައި ފައްޔާޒް އިސްމާއިލް---- ފޮޓޯ: އެމްޑީޕީ

ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ލިބޭކަން ސިއްރުކުރަން އެދިއްޖެ

SHARE

މާލެ ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މާލެ ސިޓީގެ މޭޔަރ ވިދާޅުވުމުން އެވާހަކަ ސިއްރުކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފި އެވެ.

ފައްޔާޒް އެކަމަށް އެދިވަޑައިގެންނެވީ އެމްޑީޕީން "ލާމަރުކަޒީ ގުޅުން" ނަމުގައި މިހާރު ފަށާފައިވާ ކޮންފަރެންސްގެ ތެރޭގައި މޭޔަރ އާޒިމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މި ކޮންފަރެންސްގެ ފުރަތަމަ ސެޝަން ހދ. ކުޅުދުއްފުށީގައި އިއްޔެ ފަށާފައިވާއިރު، ކޮންފަރެންސްގައި ވާހަަދައްކަވަމުން މޭޔަރ ވަނީ ކައުންސިލް ހިންގުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް ވިދާޅުވެފަ އެވެ.

އާޒިމް ވިދާޅުވީ އޭނާ މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އަދި މޭޔަރ ކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްނުދެވިއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ވެސް އެމްޑީޕީން ކަމަށް އާޒިމް ވިދާޅުވި އެވެ.

ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލެއްގެ މޭޔަރކަން ކުރައްވާ އާޒިމް ވަނީ ސަރުކާރުގެ އެއްބާރުލުމާއި އެކު މާލެ ސަރަހައްދުގައި ބޮޑެތި މަޝްރޫއުތައް ހިންގާ ނިންމަމުންއަންނަ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރެއިން އާސަރަހާ މިސްކިތުގެ މަސައްކަތް ނިންމުމާއި، ބުޅާ ފެސިލިޓީގެ މަސައްކަތް ނިމުމަކާ ގާތްވެފައިވުން އާޒިމް ފާހަގަކުރެއްވި އެވެ. މި ނޫން ބޮޑު ކަމަކަށް އާޒިމް ނެންގެވީ މާލެ ސިޓީ ކައުންސިލަށް 15 ކޮންސަލްޓަންޓުން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

"ކައުންސިލްގެ ތެރެއިން އަޅުގަނޑު ބުނާ ކަމެއް ވިއްޔާ ކޮށްދޭ. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމާ 15 ކޮންސަލްޓެންޓުން ނަގައިގެން ހަމަ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން އެ ތިބީ ވެސް އެކަކު ނޫނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް މި ހުރިހާ ވާހަކައެއް ދައްކަމުން ދިޔަ އިރު، މާލެ ސިޓީ ކައުންސިލްގެ މީޑިއާއާ ހަވާލުވެ ހުންނަވާ އާމިނަތު ޝަތުފާ ގެންދިޔައީ އާޒިމް ދެއްކެވި ވާހަކަތައް ވީޑިއޯ ކުރަމުންނެވެ. ރާއްޖެ ޓީވީން މި ކޮންފަރެންސް ލައިވްކޮށް ވެސް ދައްކަމުން ދިޔަ އެވެ.

އާޒިމް އެ ވާހަކަ ވިދާޅުވުމާއި އެކު ކޮންފަރެންސްގެ ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ޗެއާޕަރްސަން ފައްޔާޒް އިސްމާއިލް ވަނީ މައިކް އޮންކޮށް، ވާހަކަދައްކަން ފައްޓަވާފަ އެވެ. މައިކުން ޝަތުފާ އަށް ގޮވާލުމަށް ފަހު ފައްޔާޒް އެދިވަޑައިގެންނެވީ އެމްޑީޕީގެ ކޮންސަލްޓަންޓުންނަށް ވަޒީފާ ދިންބައި އެޑިޓްކޮށްލުމަށް ފަހު އާޒިމްގެ ވީޑިއޯ ޓުވީޓު ކުރުމަށެވެ.

ފައްޔާޒްގެ މިވާހަކައާއި އެކު މުޅި ސޯޝަލް މީޑިއާ ހޫނުވެފައިވާއިރު، އެއީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.