ސިނަމާލެ ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއާޕޯޓަށާއި ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިނަމާލެ ބްރިޖު އާންމުންނަށް ހުޅުވާލި ދުވަހުން ފެށިގެން ވެސް ބްރިޖު މަތިން ހިނގާފައި ނުވަތަ ދުވެފައި ދިއުމަކީ މަނާކަމެއް ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް ބްރިޖުގެ އެއާޕޯޓާ ވީ ފަޅީގެ ވޯކްވޭ ބަންދުކުރުމަށް ޖަހާފައި ހުންނަ ބެރިކޭޑުތައް ހުރަސްކޮށް، ބައެއް މީހުން ހިނގާފައި ދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މިއީ ކަނޑައެޅިގެން މަނާކަމަކަށް ވާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން، ދަތުރުވެރިންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ބޯޑުތަކާއި ނިޝާންތައް މިހާރު ވާނީ ހަރުކޮށްފައެވެ.
މި ނިޝާންތަކާއި އެންގުންތަކާ ޚިލާފުވެ، ބެރިކޭޑުތައް ހުރަސްކޮށް ބްރިޖު މައްޗަށް އަރާ ފަރާތްތަކާމެދު ޤަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެންމެހައި ރައްޔިތުންވެސް ސަލާމަތީ ގޮތުން އަޅާފައިވާ މިފަދަ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލަނބައި، އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.